ރާއްޖޭގައި އަހަރެއްގެ މައްޗަށް 5 ލައްކަ ޓަނުގެ ކުނި އުފައްދާކަމަށާއި މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ ވިދާޅުވީ ރާއްޖޭގައި ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖު ކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. މުރުތަޟާ ވިދާޅުވީ ކުނިމެނޭޖު ކުރުމަށް ރާއްޖެފަދަ ޖަޒީރާ ޤައުމެއްކަން ކުރަން ޖެހޭ ހޭދަ ބޮޑު ކަމަށެވެ. އަދި އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ކުނި އުފުލުމަށް ކަނޑުމަގުން ކުރަން ޖެހޭ ދަތުރުތަކަށްކަން ފާހަގަކުރައްވާ މުރުތަޟާ ވިދާޅުވީ ކުނި އުފެދޭ މިންވަރު މަދު ކުރުމަށްވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު ވަނީ 517،000 ޓަނަށް ވުރެ އިތުރުވެފައިކަަން މުރުތަޟާ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި ޖިއޮގްރަފީ މިއޮންނަގޮތުން ބަރޯސާވާން އެބަޖެހޭ އެއްގަމު ޓްރާންސްޕޯޓާ މެރިން ޓްރާންސްޕޯޓަށް އެއީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން، ރާއްޖޭގައި ކުނި އިތުރުވަމުންދާ މިންވަރަށް ބަލާއިރު 500،000 ޓަނުގެ ކުނި އެބަ އުފައްދާ." ޑިރެކްޓާރ ޖެނެރަލް މުރުތަޒާ ވިދާޅުވިއެވެ.
ޑިރެކްޓަރ ޖެނެރަލް މުރުތަޟާ ވަނީ ވަކި ވަކި ދާއިރާތަކުން ކުނި އިތުރުވާ މިންވަރުތައްވެސް ހާމަކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އުފެދޭ ކުނިވެސް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑިރެކްޓަރ ޖެނެރަލް މުރުތަޟާ ވިދާޅުވީ ކުނި މެނޭޖުކުރުމަށް ހާއްސަ އައު ޤާނޫނީ އޮނިގަނޑެއް މިހާރު އެކުލަވާލާފައިވާކަމަށެވެ. މި ޤާނޫނުގެ ދަށުން 4 ޤަވާއިދެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށާއި، އެއީ ކުނި މެނޭޖުކުރުމުގެ އާންމު ޤަވައިދާއި، ކުނިމެނޭޖުކުރުމުގެ ޚިދުމަތްދިނުމުގެ ޤަވައިދާއި، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ބެހޭ ޤަވައިދުގެ އިތުރުން އެކްސްޓެންޑެޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ ގަވައިދު ކަމަށް ޑިރެކްޓަރ ޖެނެރަލް މުރުތަޟާ ވިދާޅުވިއެވެ.
"ފާހަގަ ކޮށްލަން މިޤާނޫނުގަ ވަރަށް ސާފުކޮށް ކަނޑައަޅާފަވާނެ އެކި ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައް، މީގެ ކުރިން އެކަންއިތީ ނޭގި، ނަމަވެސް މިޤާނޫނު އައުމާއެކު ކައުންސިލްތަކުން ކުރަންޖެހޭ ކަންތައްތަކާ މިނިސްޓްރީން ކުރަންޖެހޭ ކަންތައްތަކާ އީއާރްއޭ އަދި ޔޫއާރްއޭން ކުރަންޖެހޭ ކަންތައްތަކާ އަދި އޭގެ އިތުރަށްވެސް ބައެއް ފަރާތްތަކުން ކުރަންޖެހޭ ކަންތައްތައްވެސް ވަރަށް ސާފުކޮށް ޤާނޫނުގަ ކަނޑައަޅާފަވާނެ". މުރުތަޟާ ވިދާޅުވިއެވެ.
ރާއްޖޭގައި އުފެދޭ ކުނި މެނޭޖުކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން މަގުމަތިން މީގެ އަހަރުތަކެއް ކުރިން ރެކޯޑް އަދަދަކަށް ފެންނަ ޕްލާސްޓިކް ސްުޕާރީ ޕެކްޓްތައް މިހާރު ނުފެންނަކަން ޑިރެކްޓަރ ޖެނެރަލް މުރުތަޟާ ފާހަގަކުރެއްވިއެވެ.