ޚަބަރު

ތ. ގުރައިދޫ މަގުހެދުމުގެ މަސައްކަތް ފަށައިފި


  • 10 މަގެއްގައި ތާރުއަޅާނެ

  • މަޝްރޫޢަށް 69 މިލިޔަން ރުފިޔާ ޚަރަދުކުރޭ

ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއިން ފަށައިފިއެވެ.

ސަރުކާރުގެ ޚަރަދުގައި ހިންގާ ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިދިޔައަހަރު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 07 އޮގަސްޓް 2025 ގައެވެ.

މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ 10 މަގެއް ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޖުމްލަ 2.87 ކިލޯމީޓަރުގެ މަގު ހެދުން ހިމެނެއެވެ. މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 69.229 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެއް ކަމަށް އާރްޑީސީން ވިދާޅުވިއެވެ.

މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމާއެކު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރާނެކަމަށާއި މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ބަލައިގެންކަމަށް އާރްޑީސީން ވިދާޅުވިއެވެ. މި މަޝްރޫޢު ނިމުމުން ވާރޭވެހޭ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޓޮޕޯގްރަފިކް، ޖިއޯޓެކްނިކަލް އަދި ހައިޑްރޮލޮޖިކަލް ސާވޭތައް ކުރުމާއި، ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނޭހެން މަގުތަކުގެ ޑިޒައިން ތައްޔާރުކުރުން ހިމެނެއެވެ. އަދި ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދަންޖެހޭ އީއައިއޭ ރިޕޯޓު ތައްޔާރުކުރުންވެސް ހިމެނެއެވެ.

އާރްޑީސީން މައުލޫމާތުދެއްވާގޮތުގައި މި މަސައްކަތުގެ ދަށުން، ފެން ހިންދާ ނިޒާމަކާއެކު ދުވާރު ހެދުމާއި، ގަސް އިންދާނެ ވަޅުތައް ތައްޔާރުކުރުމާއި، އެގްރިގޭޓް ބޭސް ކޯސް އެޅުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ކުރާނެއެވެ.

މަގުތަކުގައި ހުރި ޔުޓިލިޓީ ޖަންކްޝަންތައް އައު މަގުގެ ލެވެލްއާ އެއްވަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ބޯޑުތައް ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ އިތުރުން މުޅި ސަރަޙައްދުގައި މަގުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ނިމުމުން ގުރައިދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރު ކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ. މި މަޝްރޫޢަކީ ގުރައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ އުމްރާނީ ތަރައްޤީއަށް ކުރިއެރުން ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.