ބްރެޒިލްއާއި ޖަޕާނު ވާދަކުރާ މެޗުގެ ޓިކެޓް ހުސްވެއްޖެއެވެ.
ގަދަ 32 ޓީމް ވާދަކުރާ މުބާރާތުގެ ދެވަނަ ބުރުގައި މުބާރާތުގެ އެންމެ ކާމިޔާބު ބްރެޒިލް ވާދަކުރަން ޖެހެނީ އޭޝިޔާގެ ޖަޕާނާއެވެ. 32 ޓީމްގެ ތެރެއިން ޖާގަ ހޯދި އޭޝިޔާގެ ހަމައެކަނި ގައުމަކީ ޖަޕާނެވެ. މެޗު ކުޅޭނީ އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައެވެ. މިއީ 72،220 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. އެހެންނަމަވެސް ޚާއްޞަ އިވެންޓްތަކުގައި މިސްޓޭޑިއަމްއަށް 80،000 މީހުން ވައްދައެވެ. މެޗުގެ ޕްރެމިއަމް ޓިކެޓެއްގެ އަގު ހުރީ 25،000 ޑޮލަރުގައެވެ. ޓެކްސަސްގައި ހުންނަ މި ސްޓޭޑިއަމްއަކީ އެމެރިކާގެ ގައުމީ ޓީމްގެ ގިނަ މެޗުތައްވެސް ކުޅޭ ސްޓޭޑިއަމްއެވެ.
މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 10:00 ގައެވެ. މިއީ ގަދަ 32 ޓީމް ވާދަކުރާ ބުރުގެ ދެވަނަ މެޗެވެ. ބްރެޒިލް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީގެ އެއްވަަނަ ހޯދައިގެންނެވެ. އެއީ 7 ޕޮއިންޓާއެކުއެވެ. މިގްރޫޕްގެ ދެވަނަ މޮރޮކޯވެސް 7 ޕޮއިންޓް ހޯދިއެވެ. ޖަޕާނު ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެފްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ނެދަލެންޑްސްގެ ފަހަތުން ޖަޕާނު ދެވަނަ ހޯދީ 5 ޕޮއިންޓާއެކުއެވެ.
ގަދަ 32 ޓީމް ވާދަކުރާ ބުރުގެ އެންމެ ޝައުގުވެރި، ސަމާލުކަން ބޮޑު އެއް މެޗަކީވެސް ބްރެޒިލްއާ ޖަޕާން ވާދަކުރާ މެޗެވެ. މެޗުގެ ފޯރިގަދަވާ މައިގަނޑު އެއް ސަބަބަކީ ބްރެޒިލްގެ ކޯޗުކަމާ ކާލޯ އެންޗެލޮޓީ ހަވާލުވި ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިދެގައުމު ވާދަކުރި ރަހުމަތްތެރިކަމުގެ މެޗުން ޖަޕާން މޮޅުވެފައިވާތީއެވެ. އެމެޗު 3-2 ން ޖަޕާން ކާމިޔާބުކުރީ ބްރެޒިލް ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށް، ދެވަނަ ހާފްގައި ތިން ލަނޑު ޖަހައިގެންނެވެ.
މިރޭ ބްރެޒިލްއާއި ޖަޕާން މެޗު ކުޅޭ ހިއުސްޓަން ސްޓޭޑިއަމްއަކީ މިމުބާރާތުގައި ޖަރމަނީން 7-1 ން ކިއުރަސާއޯ ބަލިކުރި ސްޓޭޑިއަމްއެވެ. އަދި ކޮންގޯއިން ޕޯޗްގަލް ހިފެހެއްޓީވެސް މިސްޓޭޑިއަމްގައެވެ. އުޒުބެކިސްތާން ކޮޅަށް ޕޯޗްގަލްއިން 5 ލަނޑު ޖެހީވެސް މިސްޓޭޑިއަމްގައެވެ. ސްވިޑެން އަތުން ނެދަލެންޑްސް 5-1 ގެ މޮޅެއް ހޯދީވެސް ހިއުސްޓަން ސްޓޭޑިއަމްގައެވެ.