މިމަހުގެ 28 އިން ޖުލައި މަހުގެ 4 އަށް ތައިލޭންޑްގެ ބެންކޮކުގައި ކުރިއަށްދާ 30 ވަނަ އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީޓީ ޓީމު ބެންގކޮކަށް ގޮސްފިއެވެ.
މުބާރާތަށް ފުރުމުގެ ކުރިން މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޓީމަށް އިރުޝާދުދެމުން އަންނަ އެއް ކޯޗުކަމަށްވާ ހުސައިން ޝަރީފް ބުނީ މުބާރާތަށް ތައްޔާރުވާތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްވެއްޖެކަމަށެވެ. ގަވާއިދުން ފަރިތަކުރުންތައް ކުރިއަށްދިޔައިރު ކުޅުންތެރިންނާ މެދު ކުރެވޭ އުންމީދު ބޮޑުކަމަށް ކޯޗް ފާހަގަކުރިއެވެ.
"މިފަހަރު ހަމަ އިރާދަކުރެއްވީތީ ވަން މަންތަށްވުރެ ދުވަސްކޮޅެއް އިތުރަށް ކުރެވިއްޖެ ގަވާއިދުން. ރެގިއުލާ ޕްރެކްޓިސް ކުރެވިއްޖެ" ކޯޗް ބުންޏެވެ.
މިމުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް އިރުޝާދުދެމުން އަންނަ ފާތުމަތު ޖުމާނާ ނިމާލު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނީ ޓީމާމެދު ކުރެވޭ އުންމީދު ވަރަށް ބޮޑުކަމަށެވެ. މުބާރާތުގެ ކުރިން ރޭންކިން މެޗުތައްވެސް ކުރިއަށް ގޮސްފައިވާއިރު، މުބާރާތާ ކުދިން ކުރިމަތިލަނީ ގިނަ މެޗުތަކެއް ކުޅެ، އެތަޖުރިބާއާއެކުކަމަށް ޖުމާނާ ބުންޏެވެ.
"ޕްރެކްޓިސްކުރާތާ އެއްމަސް ވެއްޖެ. ޕްރެކްޓިސްގެ ތެރެއިން ރޭންކިންގ ޓޯނަމަންޓުވެސް ކުރިއަށް ގޮއްސި. ކުޅުންތެރިންނަށް ވަރަށް ގިނަ މެޗް ޕްރެކްޓިސް ލިބިއްޖެއޭ ބުނެވޭނެ މިފަހަރު. އުންމީދަކީ މިކުދިން މި ވަން މަންތުގަ ކުރެވުނު ޕްރެކްޓިސްގެ ބޭނުން ހިފާފަ، ބޭރުގަ ހަމަ ގުޑް ޕާފޯމަންސެއް ދެއްކުން" ޖުމާނާ ބުންޏެވެ.
ޖުމާނާ އިތުރަށް ވާހަކަދައްކަމުން ބުނެފައިވަނީ އިދިކޮޅުން ވާދަކުރާ ގައުމުތަކަކީ ވަރުގަދަ ގައުމުތަކެއްކަމަށެވެ. އޭޝިއާއަކީ ޓީޓީގައި ފާހަގަކޮށްލެވޭ ވަރުގަދަ ސަރަހައްދަކަށްވާއިރު، މުބާރާތުގެ މެޗުތައް ޓަފްވާނެކަން އޭނާ ތަކުރާރުކޮށް ފާހަގަކުރިއެވެ. އެހެންނަމަވެސް ރާއްޖޭގެ ޒުވާން ޓީމަކީ އުންމީދީ ހުނަރުވެރި ޓީމެއްކަމަށް އޭނާ ބުންޏެވެ.
"އޭޝިއާއަކީ ޓީޓީއަށް އެންމެ ސްޓްރޯންގ އެއް ރީޖަން. ވިލް ބީ ޓަފް، ޖެހޭ ގައުމުތައްވެސް ހަމަ ޓަފްވާނެ. އެކަމަކު އަހަރުމެންގެ އުންމީދަކީ މިކުދިން ވަރަށް ރަނގަޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ހޯދުން. ހޯޕްފުލީ ވިލް ވިން މެޗްސް" ޖުމާނާ ބުންޏެވެ.
ޓީމުގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ޚަލަފް އަދި އަލްސާވެސް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާފައިވާއިރު، އެކުދިންވެސްވަނީ މުބާރާތާއި މެދު ކުރެވޭ އުންމީދުތައް ހިއްސާކޮށްފައެވެ.
މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަކީ 15 އަހަރުންދަށުގެ ފިރިހެންކުދިންގެ ސިންގަލްސް އަދި ޓީމް އިވެންޓުގައި ވާދަކުރާ މުހައްމަދު ޚަލަފް ރާފިޢު، އައްޔޫބް އިޒްކާން ސަލީމް، އަހްޔަލް އަލީ ނަޒީރްގެ އިތުރުން އިބްރާހިމް އަޝްއަލް އާސިފްއެވެ.
މިއުމުރުފުރާގެ އަންހެން ސިންގަލްސް އަދި ޓީމް އިވެންޓުގައި ވާދަކުރަނީ އާއިޝަތު އަލްސާ ނާފިޒް، އާއިޝަތު މަލަކް ތަސީން، ސާރާ މޫސާ ޖަމީލް އަދި އައިރާ ޢަބްދުﷲ ރިފާޢުއެވެ.
މީގެ އިތުރުން 19 އަހަރުންދަށުގެ ސިންގަލްސް ކެޓެގެރީގައި ފާތިމަތު ދީމާ އަލީވެސް ވާދަކުރާނެއެވެ.