ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކޮލޮމްބިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ޕޯޗުގަލް މިދިޔަ މާޗު މަހުން ފެށިގެން ތައްޔާރުވާން ފަށައިފި ކަމަށާއި އޭގެ ނަތީޖާ ރަނގަޅަށް ފެންނަން ޖެހޭ ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
މި މެޗުން މޮޅުވެގެން ނޫނީ ޕޯޗުގަލް އަށް ގްރޫޕުގެ އެއްވަނަ ނުލިބޭނެ އެވެ. ކޮލޮމްބިއާ އަށް މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވެ އެވެ. ޕޯޗުގަލް އަށް ލިބިފައިވަނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ. ޕޯޗުގަލްއާ އެއްވަރުކޮށް ލިބުނު ޕޮއިންޓާއެކު ކޮންގޯ ވަނީ ގްރޫޕުގެ ތިން ވަނާގަ އެވެ.
"އަހަރުމެން މާޗު މަހުން ފެށިގެން މިދަނީ މި މެޗަށް ތައްޔާރުވަމުން. މުބާރާތުގައި ޕްލޭނަކަށް މި މެޗަށް ތައްޔާރުވާން އެމެރިކާގެ ފްލޮރިޑާގައި ތިބުން. އަހަރުމެންގެ ކުޅުންތެރިން މިވަނީ މުބާރާތުގައި އެކި ދަނޑުތަކުގައި ހާއްސަކޮށް އެކި ޓާފްތަކުގައި ކުޅެން ތައްޔާރުވެފައި. އާއްމުކޮށް އެމެރިކާގައި ކުޅޭ ދަނޑުގެ ވިނަގަނޑާއި ޔޫރަޕުގައި ކުޅޭ ވިނައާ ތަފާތު. މިކަންކަމަށް ވެސް ކުޅުންތެރިން އެވަނީ ތައްޔާރުވެފައި،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އެމެރިކާގައި ކޮލޮމްބިއާގެ ސަޕޯޓަރުން ގިނަ ކަމަށެވެ. އަދި މި ގްރޫޕުން އެއްވަނަ ހޯދުމަކީ މުބާރާތުގައި ކުރިއަށްދާން ފަސޭހަވާނެ ކަމެއް ކަމަށް މުޅިން ނުދެކޭ ކަމަށެވެ.
"އެފަދަ ކަންކަން އަންނަނީ މުބާރާތަށް އާވީމަ. އަލަށް އަންނަ ބަޔަކަށް ތަޖުރިބާ މަދުވީމަ ނޮކްއައުޓް ބުރުގައި ވަކި ޓީމަކާ ޖެހެން ބޭނުން ނުވެދާނެ. އެކަމަކު އަހަރުމެން ވިސްނަނީ އެ ގޮތަކަށް ނޫން. އަހަރުމެން މިދަނީ ކޮންމެ ޓީމަކާ ކުޅެން ވެސް ތައްޔާރުވަމުން،" ކޯޗު ބުންޏެވެ.