ކުޅިވަރު

އޮސްޓްރޭލިޔާ އާއި ޕެރަގުއޭ މަކަރު ހަދާކަށް ބޭނުމެއްނޫން


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރޭލިޔާ އާއި ޕެރަގުއޭ ބައްދަލުކުރާއިރު ދެ ގައުމުގައި އޮތީ އެއް ވިސްނުމެކެވެ. މަކަރު ނުހަދައި ޕޮއިންޓަކުން ފުއްދާލަން ނުވިސްނުމެވެ.

މި މެޗަށް ނުކުންނައިރު ގްރޫޕް ޑީގެ އެއްވަނާގައިވަނީ ހަ ޕޮއިންޓާއެކު އެމެރިކާ އެވެ. އެމެރިކާއާ ދެކޮޅަށް ނުކުންނަ ތުރުކީ އަށް ޕޮއިންޓެއް ނުލިބި ވަނީ މުބާރާތުން ކަޓާފަ އެވެ. އޮސްޓްރޭލިޔާ އާއި ޕެރަގުއޭ އަށް މިހާރު ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މިހެންވެ މި ދެ ޓީމުގެ މެޗުން މި ގްރޫޕުގެ ދެ ވަނަ އަދި ތިން ވަނަ ކަށަވަރުވާނެ އެވެ.

އެކަމަކު މެޗު އެއްވަރު ވެއްޖެނަމަ ހަތަރު ޕޮއިންޓާއެކު ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ތިން ވަނަ ޓީމަށް ވަރަށް ބޮޑަށް އޮންނާނެ އެވެ. އެއީ މުބާރާތުގެ ގަދަ 32 އަށް ދާނީ ކޮންމެ ގްރޫޕެއްގެ އެންމެ ގަދަ ދެ ޓީމާއި 12 ގްރޫޕުން ތިން ހޯދާ ޓީމުތަކުގެ ތެރެއިން ގަދަ އަށް ޓީމު ކަމަށްވާތީ އެވެ.

"އަހަރންނަށް ހީވަނީ މަކަރު ހަދާ މެޗުތަކަކީ އޭގެ ފައިދާ ކުޑަވާނެ މެޗުތަކެއްހެން. އެއީ ރަނގަޅު ކަމެއް ވެސް ނޫން. ދެ ޓީމު ވެސް ޕޮއިންޓަކުން ދެ ވަނަ ބުރަށް ހިނގައިދާނެ. އެކަމަކު އަހަރެންނަށް ހީވަނީ އެއީ އަހަރުމެން ވިސްނަން ނުވާނެ ކަމެއް ހެން،" އޮސްޓްރޭލިޔާގެ ޑިފެންޑަރު ޖެސޮން ބުންޏެވެ.

ޕެރަގުއޭ ޓީމުން ވެސް ބުނީ މި މެޗަކީ ޕޮއިންޓަކަށް ކުޅޭ މެޗަށް ނުހަދާނެ ކަމަށާއި މެޗުން މޮޅުވުން މުހިންމު ކަމަށެވެ.