ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގެ އިއްޔެގެ މެޗުތައް ހިރިޔާ ސްކޫލާއި، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، ހުރަވީ ސްކޫލާއި، ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ޝަހީދު ޢަލީ ސްކޫލުން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި އިއްޔެ ކުރިއަށް ދިޔައީ، 15 އަހަރުންދަށުގެ މެޗުތަކެވެ. ފުރަތަމަ މެޗު ހިރިޔާ ސްކޫލުން ކާމިޔާބުކުރީ، 13-06 އިން ޞަލާޙުއްދީން ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، ހިރިޔާގެ ޑަބްލިއު ޑީ ރައިހާނާ ރިލްވާންއެވެ.
ދެވަނަ މެޗު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ކާމިޔާބުކުރީ، 16-06 ގެ ފަރަގަކުން ދަރުމަވަންތަ ސްކޫލު ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އަހުމަދިއްޔާ ސްކޫލުގެ ޒީޝާ ޢަބްދުﷲ ޚަލީލެވެ.
ތިންވަނަ މެޗު ހުރަވީ ސްކޫލުން ކާމިޔާބު ކޮށްފައިވާއިރު، މިމެޗު އެޓީމުން ކާމިޔާބުކުރީ 32-08 ގެ ބޮޑު ތަފާތަކުން ރެހެންދި ސްކޫލުގެ މައްޗަށް މޮޅެއް ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އެޓީމުގެ ޖީޑީ ލިބާ ވާސިފު ވަހީދެވެ.
ހަތަރުވަނަ މެޗުގައި ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ކާމިޔާބުކުރީ 23-14 އިން ތާޖުއްދީން ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އެޓީމުގެ ސެންޓަރ ނުގާ އަލީ ނަޖީބެވެ. އިއްޔެގެ ފަހު މެޗު ޝަހީދު އަލީ ސްކޫލުން ކާމިޔާބުކުރީ، އަމީނިއްޔާ ސްކޫލު 20-01 އިން ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އެޓީމުގެ ސެންޓަރ މަރްޔަމް ޝައިހާ އަފީފެވެ.
މިނަތީޖާތަކާއެކު 15 އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނައިގައި ގްރޫޕް އޭ އިން މިވަގުތު އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 9 ޕޮއިންޓާއެކު ހިރިޔާ ސްކޫލެވެ. އަދި ގްރޫޕް ބީގެ އެއްވަނަ ޖީއައިއެސްއިންވެސް ހޯދާފައިވަނީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓު ހަމަކޮށްގެންނެވެ. ގްރޫޕް ސީގެ އެއްވަނައިގައި އޮތް މަޖީދިއްޔާ ސްކޫލަށް ލިބިފައިވަނީ، އެއް މެޗު މަދުން ކުޅެގެން 6 ޕޮއިންޓެވެ.
ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕުގައި މިއަދު ކުޅޭނީ، 17 އަހަރުންދަށުގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ، އަމީނިއްޔާ އަދި ދަރުމަވަންތައެވެ. ދެވަނަ މެޗުގައި އިސްކަންދަރު އަދި ހުރަވީ ވާދަކުރާއިރު، ތިންވަމަ މެޗުގައި ވާދަކުރާނީ ރެހެންދި އަދި ތާޖުއްދީންއެވެ. އެއަށްފަހު މުހްޔިއްދީން އަދި ޖީއައިއެސްގެ މެޗަށްފަހު މެޗުގައި ވާދަކުރާނީ ޖޭއެސް އަދި ހިރިޔާއެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ތާވަލުކޮށްފައިވަނީ، މިމަހުގެ 25 ވަނަ ދުވަހަށެވެ. އަދި ފައިނަލް މެޗު ކުޅޭނީ، 27 ވަނަ ދުވަހުއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.