ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އެންމެ މުހިންމީ ކޮންގޯގެ ކައުންޓަ އެޓޭކްތައް ހުއްޓުވުން ކަމަށް ކޮލޮމްބިއާގެ ކޯޗު ނެސްޓާ ލޮރެންޒޯ ބުނެފި އެވެ.
އޭނާ ބުނީ ކޮންގޯ އިން ފަހަތަށް ތިން ޑިފެންޑަރުން އަދި މެދަށް ފަސް މިޑްފީލްޑަރުން ލައިގެން ކުޅޭ ފޯމޭޝަނުގެ ސަބަބުން އެ މީހުންގެ ކައުންޓަ އެޓޭކް ވަރަށް ވަރުގަދަ ކަމަށެވެ.
"އަހަރުމެން ވިސްނަންވީ އެ މީހުން ހަމަލާ އުފައްދާ ގޮތާއި ހަމަލާ ނިންމާ ގޮތާމެދު. އެކަން ހުއްޓުވިގެން މި މެޗުން މޮޅުވާނީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި އުޒުބަކިސްތާން އަތުން މޮޅުވެފައި އޮތުމުން ކޮންގޯ ބަލިކޮށް ދެ ވަނަ ބުރަށް ދަތުރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ސަބަބަކީ މި މުބާރާތުގެ ފޯމެޓް އޮތް ގޮތުން. ދެ ވަނަ ބުރަށް ދާން ގްރޫޕުގެ ފަހު މެޗަށް އިންތިޒާރު ކުރުމަކީ ގޯހެއް،" ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު ކޮންގޯ އަށް ލިބިފައިވަނީ ޕޯޗުގަލްއާ އެއްވަރު ކޮށްގެން އެއް ޕޮއިންޓެވެ. ކޮލޮމްބިއާ ޓޭބަލުގެ އެއްވަނާގައިވަނީ ތިން ޕޮއިންޓާއެކުގަ އެވެ.