ކުޅިވަރު

އުއްމީދަކީ މެސީ ހެޓްރިކް ހެދިޔަ ނުދިނުން: އަލަބާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު އުއްމީދު ކުރަނީ އެ ގައުމުގެ ކެޕްޓަން ލަޔޮނަލް މެސީ ހެޓްރިކް ހެދިޔަ ނުދޭން ކަމަށް އޮސްޓްރިއާއިން ބުނެފި އެވެ.

ކެޕްޓަން ޑޭވިޑް އަލްބާ މިހެން ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް މެސީ ހެޓްރިކް ހަދައި ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަހަމަކޮށް އެ ރެކޯޑް މުގުރާލަން ތައްޔާރުވުމުންނެވެ.

"އަހަރުމެން އެ މެޗު ބެލިން. މިފަދަ މުބާރާތެއްގައި މެސީ ހެޓްރިކް އަކުން މުބާރާތް ފެށުމަކީ ވަރަށް ތަފާތު އަދި ހާއްސަ ކަމެއް. އެއީ އާދައިގެ ކަމެއް ނޫން. އަހަރުމެން އުއްމީދު ކުރަނީ މި މެޗުގައި އޭނާ އަށް އެކަން ނުވާނެ ކަމަށް،" އަލަބާ ބުންޏެވެ.

އޭނާ ބުނީ އާޖެންޓީނާ އަކީ ކޮންކަހަލަ ޓީމެއްކަން އެނގޭ ކަމަށާއި މެޗަށް ނުކުންނާނީ އެ މީހުންގެ ހުރިހާ ބަލިފައިތައް ދެނެގަނެގެން ކަމަށެވެ.

"އަހަރުމެންނަށް އެނގޭ އެ މީހުންގެ ކޮލިޓީސް ތަކަކީ ކޮބާކަން. އެ މީހުންނަކީ ކޮން ފެންވަރެއްގެ ޓީމެއްކަން. ހާއްސަކޮށް މެސީއާއެކު އެ މީހުންނަކީ ތަފާތު ޓީމެއްކަން. ކޮންމެ ފަދަ ނަތީޖާއެއް ވެސް ނެރެފާނެކަން،" އަލަބާ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗު އާޖެންޓީނާ ކާމިޔާބު ކޮށްފައިވާއިރު ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ ވަނީ ޖޯޑަން ބަލިކޮށްފަ އެވެ.

މި މެޗުގެ ކުރިން ވާހަކަ ދެއްކީ އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ޕަބްލޯ އައިމާ އެވެ. އޭނާ ބުނީ އަލްޖީރިއާ އަށްވުރެ ހުރިހާ ގޮތަކުން ވެސް އޮސްޓްރިއާ ވަރުގަދަ ވާނެ ކަމަށެވެ.

"އޮސްޓްރިއާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެ މީހުންގެ ގިނަ ކުޅުންތެރިންނަކީ ވޯލްޑް ކަޕް ކުޅެ ތަޖުރިބާތަކެއް ހާސިލް ކޮށްފައިވާ ކުޅުންތެރިން. މިހެންވީމަ ވެސް އެ މީހުން ތަފާތުވާނެ،" އައިމާ ބުންޏެވެ.

އޭނާ ބުނީ މި މެޗުން މޮޅުވެގެން ދެ ވަނަ ބުރު ޔަގީން ކުރެވެން އޮތުމުން އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ އަމާޒަކީ އެއީ ކަމަށެވެ.