ކުޅިވަރު

ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ނުކުޅޭނަން: ނޯޔާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އަނެއްކާ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުއްލި ގޮތަކަށް ގައުމީ ކީޕަރުކަން ކުރަން ޖެހިފައިވުމުން އޭނާގެ ކުރިމަގާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

"އަހަރެން ގައުމީ ޓީމަށް އައީ ރެސްކިއު އޮޕަރޭޝަނެއްގައި ޓީމަށް އެހީތެރި ވެދޭން. އަހަރެން ވާނީ 2024 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި. އަލުން އަޔަސް އަހަރެންގެ ނިންމުމަކީ މި މުބާރާތަށް ފަހު އަނެއްކާ ވެސް ކުޅުން ހުއްޓާލުން. ގައުމީ ޓީމުގައި ދެ އަހަރު މަޑުކުރަން ވިސްނުމެއް ނެތް،" އުމުރުން 40 އަހަރުގެ ކީޕަރު ބުންޏެވެ.

ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބު ބަޔާން މިއުނިކްގެ ކެޕްޓަން ބުނީ އޭނާ ދެކޭ ގޮތުގައި އޭނާ މިހާރުގެ އުމުރުގައި ގައުމީ ޓީމާއި ކުލަބު ލެވެލްގައި ކުޅުމަކީ އަމިއްލަ ނަފްސަށް ދެވޭނެ އަނިޔާ އެއް ކަމަށެވެ.

"އެވަރުގެ ބުރައެއް މިހާރު ދިގު މުއްދަތަކަށް ނޫފުލޭނެ. އަހަރެން ދެކޭ ގޮތުގައި 2024ގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އަދިވެސް އެންމެ ރަނގަޅު ނިންމުން. އެކަމަކު ގައުމީ ޓީމަށް ބޭނުން ޖެހުމުން ކޯޗާއި މެނޭޖްމަންޓާއެކު ވަރަށް ރަނގަޅަށް މަޝްވަރާ ކުރުމަށްފަހު އަހަރެން މިވަގުތު ޓީމާ ގުޅުނީ،" ނޯޔާ ބުންޏެވެ.

އޭނާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަނު ޓީމުގެ ކީޕަރެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ވެސް އޭނާ އެވެ.

"އަހަރުމެންގެ އަމާޒަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުން. މި އުމުރުގައި ގޮސް އަހަރެންނަށް ދެ ވަނަ ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިއްޖެނަމަ އެކަންވާނީ ވަރަށް ބޮޑު އުފަލަކަށް،" ނޯޔާ ބުންޏެވެ.

ޖަރުމަން ވަނީ މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ ގޮތުގަ އެވެ.