ކުޅިވަރު

ކެތްތެރިވޭ! ފުރަތަމަ މެޗުން ވޯލްޑް ކަޕެއް ނުލިބޭނެ: އަންޗެލޯޓީ


  • * ނޭމާ އަށް ހައިޓީ މެޗުގައި ވެސް ނުކުޅެވޭނެ

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން މުބާރާތް ކާމިޔާބު ނުކުރެވޭނެ ކަމަށާއި ކެތްތެރިވެ ތިބުމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ އެދެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް އެއްވަރުވީ މޮރޮކޯއާ ވާދަކޮށް 1-1އިންނެވެ.

"ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް. އަހަރުމެންނަށް ރަނގަޅަށް ނުކުޅެވުނު. އަހަރުމެންގެ ޕްލޭން މަސައްކަތް ނުކުރި. އެހެން ނަމަވެސް ކެތްތެރިވާން ޖެހޭ. ފުރަތަމަ މެޗުން ވޯލްޑް ކަޕެއް ނުހޯދޭނެ،" އަންޗެލޯޓީ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މެޗަށް ބްރެޒިލް ޓީމަށް އަންޗެލޯޓި ބޮޑު ބަދަލުތަކެއް ގެނައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް މެދުތެރެ އަށް ކުޅެން މޮރޮކޯ މެޗުގައި ނުކުތް ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ މިމެޗުގައި އިންނާނީ ބެންޗުގައި ކަމަށްވެ އެވެ. ނަމަވެސް އޭނާ ކުޅުނު ޑިފެންސިވް މިޑްފީލްޑަރުގެ ޕޮޒިޝަން ފުރާނެ ކުޅުންތެރިއަކު މުޅިން ޔަގީނެއް ނުވެ އެވެ. ސަބަބަކީ ކަސެމީރޯގެ ބަދަލުގައި އެ މެޗުގައި ކުޅެން ނުކުތް ފަބީނިއޯ އަށް ވެސް ރަނގަޅު ކުޅުމެއް ނުދެއްކުމުންނެވެ.

ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ ބުނީ ހައިޓީ އަކީ ދެރަ ޓީމެއް ނޫން ކަމަށާއި އިދިކޮޅު ޓީމާމެދު ވިސްނުމުގެ ބަދަލުގައި ބްރެޒިލް މިހާރު އޮތީ މޮޅުވާން ޖެހިފައި ކަމަށެވެ.

"އަހަރުމެން ޓެކްޓިކަލީ ވެސް ، ޓެކްނިކަލީ ވެސް، ނަފްސާނީ ގޮތުން ވެސް މޮރޮކޯ މެޗުގައި ރަނގަޅެއް ނޫން. އެކަމަކު އަހަރުމެން މި މެޗުގައި އެކަން ބަދަލު ކުރާނަން. ޓީމު މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން،" ޑެނީލޯ ބުންޏެވެ.

މިރޭގެ މެޗުގައި ފޯވަޑް ލައިނަށް ވެސް ބަދަލު އައުން އެކަށީގެންވެ އެވެ. މި ގޮތުން ޒުވާން ފޯވަޑް އެންޑްރިކް ކުޅެން ނެރުމަކީ ވެސް ގާތް ކަމެކެވެ. ނަމަވެސް ތަޖުރިބާކާރު ފޯވަޑް ނޭމާ ޖޫނިއާ އަށް ހައިޓީއާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ. އުމުރުން 34 އަހަރުގެ ފޯވަޑްގެ ފަޔަށް ވެފައިވާ ތަދު އަދިވެސް މުޅިން ނުފިލަ އެވެ. މިހެންވެ ހައިޓީ މެޗަށް ދަތުރު ކުރުމުގެ ބަދަލުގައި އޭނާ މަޑުކުރާނީ ބްރެޒިލްގެ ޓްރޭނިން ކޭމްޕްގަ އެވެ. ނޭމާ ވޯލްޑް ކަޕް ޓީމަށް ނެގީ ވެސް އަނިޔާގައި ހުއްޓާ އެވެ.