ޚަބަރު

ގަން މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި


  • ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު

  • 800 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ

  • ހޯލަކާއި ލައިބްރަރީއެއް ހުންނާނެ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާ ކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އަޅައިފިއެވެ.

މިއީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙެވެ.

2 ފަންގިފިލާއަށް ބިނާކުރާ މި ކޮމްޕެލްކްސްގައި އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މަލްޓި ޕަރޕަސް ހޯލަކާއި ލައިބްރަރީއެއްވެސް މިތަނުގައި ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

"ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިސްކިތް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަޝްރޫޢެއް ފަށާފައިވާއިރު، އެމަނިކުފާނުގެ އެހީގައި އައްޑޫ ހުޅުދޫގައިވެސް ވަނީ މިސްކިތެއް ބިނާކޮށްދެއްވާފައެވެ. މިއީ މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް ބިނާކޮށްދެއްވި މިސްކިތެކެވެ.