ޚަބަރު

ފުލެޓާއި ގޯއްޗަށް އެދި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން


  • އެންމެ ގިނައިން އެޕްލިކޭޝަން ހުށަހަޅާފައިވަނީ ފްލެޓަށް އެދި

  • ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ އެޕްލިކޭޝަން

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލުމުން ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މިސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައެވެ.

އެންމެފަހުން ފުރުޞަތު ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އަކާ ހަމައަށެވެ. ނަމަވެސް "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހުގެ ސުންގަޑި 15 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 އަށް ވަނީ އިތުރުކޮށްދީފައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އެންމެފަހުން ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު، ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. އެގޮތުން ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 އެޕްލިކޭޝަނެކެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 45،644 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި 35،818 އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 9،826 އެޕްލިކޭޝަނެއް ހުށަހަޅާފައިވެއެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ހުށަހަޅާފައިވަނީ ޖުމްލަ 12،861 އެޕްލިކޭޝަނެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 112 އެޕްލިކޭޝަނަކާއި ގޯއްޗަށް އެދި ހުށަހެޅި 12،749 އެޕްލިކޭޝަނެއް ހިމެނެއެވެ.


މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ގޯއްޗާއި ފްލެޓަށް އެދުމުގެ ބައެއް އުޞޫލްތަކަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ހުޅުވާލާފައި އޮތްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ހުޅުމާލެއާއި ވިލިމާލޭގައި ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ ބިންގާ ވަނީ އަޅާފައެވެ. އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.