ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ މަތީ ފަންތީގެ ރެސްޓޯރެންޓެއް ކައިރީގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެއެވެ. މޮސްކޯގެ ކުދްރީންސްކާ މައިދާން ކައިރީގައި ހުރި އިޓަލީވިލާތުގެ ކާބޯތަކެތި ވިއްކާ ރެސްޓޯރެންޓެއް ކައިރީގައި ދިން މި ހަމަލާގައި އިތުރު 21 މީހަކު ޒަޚަމުވިއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޙާލު ސީރިޔަސް ކަމުގައި މޮސްކޯގެ އިދާރާތަކުން ބުނެއެވެ. ރެސްޓޯރެންޓަށް ބޮން ގެންގޮސްފައި ވަނީ އަންހެނެކެވެ. ނަމަވެސް އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
ބޮން ހިފައިގެން ދިޔަ މީހާ 'ބަލްޓްޒީ ރޮއްސީ އިޓަލިޔަން ރެސްޓޯރެންޓަށް' ވަނުމަށް މަސައްކަތްކުރުމުން، އެ ތަނުގައި ތިބި ގާޑުން އެ މީހާ ފޮނުވައިލާފައިވާ ކަމުގައި، ރަޝިޔާގެ ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއާ ޙަވާލާދީ އެ ޤައުމުގެ މީޑިއާއިން ބުނެއެވެ. މި ހާދިސާގައި މަރުވި ތިން މީހުންނަކީ، ބޮން ހިފައިގެން ދިޔަ އަންހެން މީހާއާއި، ރެސްޓޯރެންޓުގެ ގާޑެއްގެ އިތުރުން ކަސްޓަމަރެކެވެ.
މި ހާދިސާއާ ގުޅިގެން ކުދްރީންސްކާ މައިދާން ކައިރީގައި ހަތިޔާރުއެޅި ސިފައިން ފޯރިމަރަން ފަށާފައިވާ ކަމުގައި ރަޝިޔާގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މި ހަމަލާގައި އަނިޔާވި މީހުންގެ ނަންތައް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާއިރު، ސަލާމަތީ ބާރުތަކުން ވަނީ ކުދްރީންސްކާ މައިދާން ސަރަޙައްދު ބަންދުކޮށް، ތަޙުޤީޤު ކުރަން ފަށާފައެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަން އަދި ސާފެއް ނޫނެވެ.
މީގެ ހަތަރު އަހަރު ކުރިން ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ރަޝިޔާ ސަރުކާރާއި ސަލާމަތީ ބާރުތަކުގެ އިސްވެރިން އަވަހާރަކޮށްލުމަށް ކީވުން ރާވަމުންދާ ކަމުގައި މޮސްކޯއިން ތުހުމަތު ކުރެއެވެ. ނަމަވެސް، ކީވުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ރަޝިޔާގެ އެކި ކަންކޮޅުތަކުގައި ހަމަލާތަކެއް ދިނުމަށް ކީވުން ރާވަމުންދާ ކަމުގައި ތުހުމަތުކޮށް، ރަޝިޔާގެ ދާޚިލީ ސަލާމަތާއި ބެހޭ ޖާސޫސީ އިދާރާއިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ސަރުކާރާއި ސަލާމަތީ ބާރުތަކުގެ އިސްވެރިންގެ ރައްކާތެރިކަން ވަރުގަދަ ކޮށްފައެވެ.