ޚަބަރު

ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުބާރު ދަމަހައްޓާނެ: ރައީސް


  • ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް

  • ފުރަތަމަ ފަހަރަށް ޤާނޫނެއް އެކުލަވާލާ ތަންފީޒުކުރަންވަނީ ފަށާފައި

  • ކާބޯތަކެތި ޓެސްޓުކުރެވޭނެ ލެބޯޓްރީ ޤާއިމުކޮށްފައި

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ކެއިންބުއިމުގައި ރައްކާތެރި، ދުޅަހެޔޮ، ތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެންނަންޖެހޭކަމަށެވެ. އެގޮތުން ކަބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނ ބަލިތަކަކީ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ދިރާސީ މަޢުލޫމާތުގެ އަލީގައި، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ، ރައްކާތެރި، ދުޅަހެޔޮ އަދި އިތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރައްވަމުންދާނެކަމަށެވެ. ސަރުކާރުގެ މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތީގެ ބާވަތްތައް ޓެސްޓުކުރުމާއި މޮނީޓަރކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެއވިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު، ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަޙުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ޙާލަތްތަކުގައި ތިބި ހުރިހާ ފަރާތެއްގެ މަތިން ހަނދާންކުރައްވާފައެވެ. އަދި ގުޅިގެން މިފަދަ މައްސަލަތަކަށް ޙައްލު ގެނައުމަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނުވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި، ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "ބަރޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއަރ" މިޝިޢާރެވެ. އެޖަމުޢިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އަހަރަކު 800 މިލިއަނެއްހާ މީހުން ތަޙައްމަލުކުރާއިރު، ގާތްގަނޑަކަށް 1.52 މިލިއަން މީހުން މަރުވާކަމަށްވަނީ ރިކޯޑުކުރެވިފައެވެ.