ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ 2028ވަނަ އަހަރު ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނާ ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
ޕީއެންސީގެ 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށް ޕާޓީން ޤަރާރެއް ފާސްކުރުމާ ގުޅިގެންނެވެ. މި ޤަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފައިވަނީ 1119 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ރިޔާސީ ޓިކެޓް ދެއްވުމަށް ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެކެވެ. މި ޤަރާރު ހުށަހެޅުއްވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާތީ ކަމަށް ވަނީ ބުނެފައެވެ.
އަދި އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނަށް ދެވަނަ ދައުރެއް ފެންނަތީ ކަމަށް ވަނީ ބުނެފައެވެ.
މި ޤަރާރާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމްދީން ހިމާޔަތްކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤަރާރަށް ތާޢީދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި ޤަރާރަކީ ޕީއެންސީގެ މަތީ މަޖިލީހުގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ޤައުމުގެ ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ މަގުން ކުރިއަށްދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒުއާ ހަވާލުކުރެއްވުމުން 2028ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އެމަނިކުފާނެވެ. އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރުމަށް އެ ޕާޓީގެ މަތީ މަޖިލީހުގެ މެންބަރުން ވަނީ އިޤުރާރުވެސް ވެފައެވެ.