ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމުން ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒަށް ކޯޗު މާސެލޯ ބިއެލްސާ ފުރުސަތު ނުދީ ޓީމު އިއުލާނު ކޮށްފި އެވެ.
އުރުގުއޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އާއި ބިއެލްސާއާ ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. ސަބަބަކީ ކޯޗަށް ސުއަރޭޒް ފާޑުކިއުމެވެ. މިހެންވެ 2024 ވަނަ އަހަރުގެ ފަހުން އޭނާ އަށް ގައުމީ ޓީމުން ޖާގަ ނުދެ އެވެ. މިހެންވެ ރިޓަޔާ ކޮށްގެން ހުރުމަށްފަހު ސުއަރޭޒް ވަނީ އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރު ކަމަށް ދާދި ފަހުން ބުނެފަ އެވެ.
ސުއަރޭޒަށް ފުރުސަތު ނުދިނަސް ބިއެލްސާ ވަނީ 39 އަހަރުގެ ކީޕަރު ފެނާންޑޯ މުސްލޭރާ ޓީމުގައި ހިމަނާފަ އެވެ. ގައުމީ ޓީމަށް 134 މެޗު ކުޅެދީފައިވާ ކީޕަރަށް ފުރުސަތު ދީފައިވާއިރު 99 މެޗު ކުޅެދީފައިވާ އެތްލެޓިކޯ މެޑްރިޑްގެ ސެންޓަ ބެކް ހޯސޭ މާރިއާ ގިމިނޭޒަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ. ޑިފެންސް ލައިނުގައި ދެންތިބި ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަކީ ބާސެލޯނާގެ ކެޕްޓަން ރޮނަލްޑް އަރައުހޯ އާއި ޕަލްމެއިރާސްގެ ޔަގީން ޕީކޭރޭޒް އެވެ.
ޓީމަށް ނަގާނެ ކަމަށް ބެލެވުނު ކުޅުންތެރިންގެ ތެރެއިން ފުރުސަތު ނުލިބުނު އަނެއް ކުޅުންތެރިއަކީ ނަހިޓަން ނަންޑޭޒް އެވެ. އެކަމަކު ރެއާލް މެޑްރިޑްގެ ފެރްޑިކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއާމެނީ އަދި އަލް ހިލާގެ ފޯވަޑް ޑްރަވިން ނޫނޭޒް ވަނީ ޓީމުގައި ހިމަނާފަ އެވެ. އޭނާއާއެކު ފޯވަޑް ލައިނަށް ނަގާފައިވަނީ މެކްސިކޯގައ ކުޅޭ ރޮޑްރިގޯ އަގުއިރޭ އާއި ފްރެޑްރިކޯ ވިނާސް އެވެ.
ވޯލްޑް ކަޕުގައި އުރުގުއޭ ހިމެނެނީ ސައޫދީ އަރަބިއާ އާއި ސްޕޭނާއި ކޭޕްވާޑޭއާއެކު ގްރޫޕް އެޗްގަ އެވެ.