މިއަހަރު ރާއްޖޭގެ އިތުރު ސަރަހައްދުތަކެއް ޚިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތަކެއް ދެނެގަނެ އެތަންތަން ހިމާޔަތްކުރުމަށް އަންނަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު، 93 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އެންވަޔަރަންމަންޓް މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ އަޙްމަދު ސާން ވިދާޅުވީ، ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު، ބައެއް ސަރަހައްދުތައް ޤަވާއިދުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ބައެއް ސަރަހައްދުތަކަކީ، އާންމުން މާ ގިނައިން ބޭނުން ނުކުރާ ސަރަހައްދަކަށް ވުމާއެކު އެހާވަރަށް މޮނިޓަރ ކުރަން ނުޖެހޭ ސަރަހައްދުތަކެއް ކަމަށެވެ.
ސާން ވިދާޅުވީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ ރާއްޖޭގެ ނިސްބަތުން ބަލާނަމަ ވަރަށް ކުޑަ އިންސައްތައެއް ކަަމަށެވެ. މިއަހަރު އިތުރު ސަރަަހައްދުތަކެއް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިތުރު 2 ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމާފައިވާ ކަމަށް ސާން ވިދާޅުވިއެވެ. އެ ދެ ސަރަހައްދަކީ، އދ. އަތޮޅު ސަރަހައްދުގެ އިތުރުން ހދ. އަތޮޅުގެ ސަރަހައްދުތަކެއްކަން ފާހަގަކުރައްވާ ސާން ވިދާޅުވީ، ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ މަސައްކަތްތައް ފެށޭނެ ކަމަށެވެ. މީގެ އިތުރުން ތ.އަތޮޅުގެ ސަރަހައްދުތަކެއް ހިމާޔަތް ކުރުމަށް ސާރވޭ ކުރުމުގެ މަސައްކަތްތައް މި އަހަރަށް ޕްލޭންކޮށްފައިވާ ކަމަށް ސާން ވިދާޅުވިއެވެ.
"އެހެންވީމައި އަޅުގަނޑުމެންގެ ޓަރގެޓަކީ، މިއަހަރު އިތުރު ދެ ސަރަހައްދެއް ހިމާޔަތްކުރުން. އެއާއި އެއްކޮށް ތ. އަތޮޅުގެ ހިމާޔަތްކުރަން ހުރި ސަރަހައްދުތަކުގެ އިނިޝިއަލް އެސެސްމަންޓުގެ މަސައްކަތް ތައްޔާރުކުރުން. މީގެ އިތުރުންވެސް އެބައިން އަޅުގަނޑުމެންގެ ސޯޓް ލިސްޓުކޮށްފައި އިން ލިސްޓެއް ރާއްޖޭގައި ދެން ކުރިއަށް އޮތްތަނުގައި ހިމާޔަތްކުރަން ރަނގަޅުހެން ހީވާ ތަންތަން ބަލާ އަޅުގަނޑުމެން ދިރާސާތައް ކުރަމުން ގެންދާނަން" ސާން ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތް ކުރުމަށްވެސް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ވިލާތު އިއްތިހާދު، އީޔޫއިން 4 މިލިޔަން ޔޫރޯގެ އެހީ ދިނުމުގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. ކަނޑޫފާތަކަކީ، ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގައި މުހިންމު ހިއްސާއެއް އަދާކުރާ އަދި ދިރޭތަކެއްޗަށްވެސް ބޭނުންތެރި ތަނެކެވެ.