ޚަބަރު

ބޭހުގެ މައްސަލައަށް ދެމަސްތެރޭ ރަނގަޅު ހައްލެއް ގެނެވޭނެ: ރައީސް


  • ދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ

  • ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަތަށް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރާނެ

  • "ސްޓޭޓް ފާރމަރ ޕޯޓަލް" ތައާރަފްކުރުމުގެ މަސައްކަތްދަނީ ކުރަމުން

ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ބޭހުގެ މައްސަލައަށް ރަނގަޅު ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ ސްޓޭޓް ޕާމަސޫޓިކަލްގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދާފައެވެ.

"ނޭޝަން ޗެޓް"ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ބޭހުގެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބޭސް ކުންފުނިން ބޭހުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތް އެއްފަހަރާ ކުރަމުންދާކަމަށެވެ. އެގޮތުން ދިގުމުއްދަތުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް ދެމެހެއްޓެނިވިގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ." ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މި ކުންފުނި އުދައްދަވާފައިވަނީ ބޭހާއި ގުޅިގެން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ޙައްލެއް ގެނައުމުގެ މަޤުޞަދުގައި އުފެއްދެވި މި ކުންފުނިން ބޭހުގެ މައްސަލަތައް ހައްލުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންގެންދަވާއިރު، މީގެ ތެރޭގައި އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ރާއްޖޭގެ ހުރިހާ ފާމަސީތަކެއްގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.

އެކުންފުނީގެ ފުރަތަމަ ބޭސް ފާމަސީ އައިޖީއެމްއެޗްގައި ޤާއިމުކޮށް، ހޮސްޕިޓަލަށް ބޭނުންވާ ބޭސް ވަގުތުން ލިބޭނެ އިންތިޒާމު ދެމެހެއްޓެނިވިގޮތެއްގައި މިހާރުވަނީ ހަމަޖައްސަވާފައެވެ. މީގެއިތުރުން ސްޓޭޓް ފާމާގެ ދަށަށް ފާމަސިތައް އައުމާއެކު ބޭސް ފިހާރައިން ނުލިބޭ ބޭސްތައް، ރާއްޖެއިން ބޭރުން ގެނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މިކަމަށްޓަކައި 1505 މި ނަންބަރު ޚާއްސަ ހޮޓްލައިނެއްގެ ގޮތުގައި ޤާއިމުކޮށް ޚިދުމަތްދޭން ވަނީ ފަށާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭނުންވާ ބޭހަކަށް އެދިލެއްވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން
ބޭސް ކުންފުނީގެ ޕޯޓަލް "ސްޓޭޓް ފާރމަރ ޕޯޓަލް" ތައާރަފްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.