ޚަބަރު

ނޯތު ލީގު: މަނަދޫން މުބާރާތް ނިންމާލީ ހުސްއަތާ


  • އޭދަފުށިން މެޗު ކާމިޔާބުކުރީ 0-5 ގެ ނަތީޖާއިން

  • މުބާރާތުގައި މަނަދޫއަށް ޕޮއިންޓެއް ލިބިފައެއް ނުވޭ

  • ނޯތު ލީގުގެ ޗެމްޕިއަންކަން ހޯދީ ދިއްދޫ

ނޯތު ރީގަން ލީގުގައި ކުޅުނު އެންމެ ފަހު މެޗުން އަމިއްލަ ދަނޑުގައި އޭދަފުށި އަތުން ބޮޑު ތަފާތަކުން ބަލިވެ، މަނަދޫން ހުސްއަތާ މުބާރާތް ނިންމާލައިފިއެވެ. އޭދަފުށިން މިމެޗު ކާމިޔާބުކުރީ 0-5 ގެ ނަތީޖާއިންނެވެ.

މެޗު ފެށުނު ހިސާބުންވެސް ފެނިގެންދިޔައީ އޭދަފުށިން މެޗު ޑޮމިނޭޓުކުރި ތަނެވެ. އެޓީމުންވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ރީތި ކުޅުމެއް ކުޅެފައެވެ. ޓީމުގެ ފުރަތަމަ ގޯލު، މެޗުގެ 5 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، ދެވަނަ ގޯލު ފެނުނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މުޅި ހާފުގައިވެސް އޭދަފުށިން، މަނަދޫގެ ގޯލަށް ނުރައްކާ ކުރަމުންދިޔަނަމަވެސް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުފެނެއެވެ.

ދެވަނަ ހާފު ފެށިގެންވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ އޭދަފުށީ ޓީމުން މެޗުގެ 3 ވަނަ ގޯލު ކާމިޔާބުކުރީ 50 ވަނަ މިނެޓުގައެވެ. އަދި އެޓީމުގެ ފަހު ދެ ގޯލު ފެނިގެންދިޔައީ މެޗުގެ ފަހު 20 މިނެޓު ތެރޭގައެވެ.

މިއާއެކު އެންމެ ޕޮއިންޓެއްވެސް ނުލިބި، ގުރޫޕުގެ ފުލުގައި އޮވެގެން މަނަދޫ މުބާރާތް ނިންމާލިއިރު، އޭދަފުއްޓަށް ލިބެނީ 2 ވަނައެވެ. ނޯތު ލީގުގެ ޗެމްޕިއަންކަން ހޯދީ %100 ރެކޯޑަކާއެކު، ދިއްދޫއެވެ.