1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކަށް ރާއްޖެ ވަޑައިގެންނެވި މައްކާ ރޫޓު އިނިޝިއޭޓިވްގެ ވަފުދަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މައްކާ ރޫޓު އިނިޝިއޭޓިވްގެ އިންތިޒާމުތަކަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ 18 ބޭފުޅުންގެ ވަފުދެއް ވަޑައިގެންފައެވެ.
ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައުދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެއްވި މުހިއްމު މަޝްވަރާތަކަކަށް ފަހުގައެވެ.
މި ޚިދުމަތާއެކު ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނިޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްއަކީ، 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި، އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. މިއީ، ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.
މިއަހަރު ޙައްޖަށް ދާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.