ކުޅިވަރު

އަލްފަންސޯ ޑޭވީސް އަށް އަނިޔާވެއްޖެ، ވޯލްޑް ކަޕަށް ފިޓް ނުވެދާނެ!


ބަޔާން މިއުނިކަށް ކުޅޭ ކެނެޑާގެ ކެޕްޓަން އަލްފަންސޯ ޑޭވީސް އަށް އަނިޔާވެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފިޓްވާނެކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ބަޔާން މިއުނިކުން ބުނީ އޭނާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަމަށެވެ.

މި އަނިޔާގެ ސަބަބުން މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 12 ވަނަ ދުވަހު ބޮސްނިއާއާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެ ކަމަށް ލަފާކުރަން ވަނީ ދަތިވެފަ އެވެ.

"އަހަރުމެން މިދަނީ އޭނާގެ ހާލަތު ގާތުން ބަލަމުން. ބަޔާންގެ މެޑިކަލް ޓީމާ ގުޅިގެން އޭނާގެ ފަރުވާ އަވަސް ކުރަން މިދަނީ ހުރިހާ މަސައްކަތެއް ކުރަމުން. އަހަރުމެން މަސައްކަތް ކުރާނީ އޭނާ އަށް ބޭނުންވާ އެހީތެރިކަން ދީގެން. އަވަހަށް ފަސޭހަ ކުރަން،" ކެނެޑާގެ ގައުމީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާންއާ ހިލާފަށް ކެނެޑާއިން ބުނީ ޓެސްޓްތަކުގެ ނަތިޖާ ދައްކާ ގޮތުން އަލްފަންސޯ ޑެވީސްގެ ފަޔަށް ތަދުވީ ސޮފްޓް ޓިޝޫތައް ހަލާކުވެގެން ކަމަށެވެ.

އަލްފަންސޯ ޑޭވީސް އަށް ވަނީ މި ސީޒަނުގައި އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފަ އެވެ. އޭނާ އަށް ބުންޑަސް ލީގާއި ފެށުނީ ވެސް އެންމެ ހަ މެޗުގަ އެވެ.