ޚަބަރު

މަޖީދިއްޔާ ދެވަނަ ބުރަށް


  • ހިރިޔާ ސްކޫލްގެ މައްޗަށް މަޖީދިއްޔާއިން ކުރިހޯދާފައި ވަނީ 1-3 ގެ ނަތީޖާއިން

  • ފުރަތަމަ މެޗުގައި ހިރިޔާ ސްކޫލްގެ މައްޗަށް ކުރިހޯދާފައިވަނީ 1-4 ގެ ނަތީޖާއިން

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މަޖީދިއްޔާ ސްކޫލް ކުޅުނު ދެވަނަ މެޗުވެސް އެޓީމުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދައިފިއެވެ.

ހުޅުމާލޭ މިނީ ސްޕޯޓްސް ކޮންޕްލެކްސްގައި އިއްޔެ، ހިރިޔާ ސްކޫލްގެ މައްޗަށް މަޖީދިއްޔާއިން ކުރިހޯދާފައި ވަނީ 1-3 ގެ ނަތީޖާއިންނެވެ.

މަޖީދިއްޔާއިން ވަނީ މެޗު ފަށައިގެން އަވަސް ކުޅުމެއް ކުޅެ، މެޗުގެ 3 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މަޖީދިއްޔާ ސްކޫލުން ލީޑުނެގި ހިސާބުން ހިރިޔާ ކުޅުންތެރުން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް، މަޖީދިއްޔާއިން ކީޕަރު ވަނީ، ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ، މަޖީދިއްޔާއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ.

މަޖީދިއްޔާއިން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި އެޓީމުގެ 3 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މިއާއެކު، ފުރަތަމަ ހާފު ނިމުނީ 0-3 ގެ ނަތީޖާއިން މަޖީދިއްޔާ ސްކޫލް ކުރީގައި އޮވެގެންނެވެ.

މަޖީދިއްޔާއިން ވަނީ ދެވަނަ ހާފުގައިވެސް ހިރިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް މެޗުގެ 45 ވަނަ މިނެޓުގައި ފެނިގެންދިޔަ، ދެވަނަ ހާފުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފައި ވަނީ ހިރިޔާއިންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި އެޓީމަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ، ނަމަވެސް، މަޖީދިއްޔާ ސްކޫލްގެ ކީޕަރު ވަނީ ޕެނަލްޓީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު މަޖީދިއްޔާ ސްކޫލް ކުޅުނު ދެ މެޗުވެސް މިވަނީ ކާމިޔާބުކޮށްފައެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ހިރިޔާ ސްކޫލްގެ މައްޗަށް ކުރިހޯދާފައިވަނީ 1-4 ގެ ނަތީޖާއިންނެވެ. އެހެންކަމުން މަޖީދިއްޔާ ސްކޫލް މިވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، 6 ޕޮއިންޓު ހޯދާފައެވެ.