މެކްސިކޯގެ ފުޓްބޯޅަ ޓީމު ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރުވުންތަކަށް ފަށާފައިވާ ކޭމްޕްގައި ބައިވެރިނުވާ ކުޅުންތެރިއަކަށް ޓީމުން ޖާގަ ނުދޭނެ ކަމަށް މެކްސިކޯއިން ބުނެފި އެވެ.
ކޯޗު ހާވިއާ އަގުއިރޭ މިހެން ބުނީ ޓީމުގެ ބައެއް ކުޅުންތެރިން ކުލަބުގެ މެޗުތަކަށް ހުސްވާން މަސައްކަތް ފެށުމުންނެވެ.
"އެއްވެސް ކުޅުންތެރިއަކށް ފުރުސަތެއްނެތް ކޭމްޕްގައި ބައިވެރި ނުވާނަމަ. މިކަމުގައި އެއްވެސް ބަހަނާއެއް އެއްވެސް ކުޅުންތެރިއަކަށް ނުދެއްކޭނެ. ޓީމުން ފުރުސަތު ލިބޭނީ މި ކޭމްޕަށް އަންނަ ކުޅުންތެރިންނަށް. އަހަރުމެންގެ އުސޫލު މިކަމުގައި ބަދަލެއް ނުވާނެ،" ކޯޗު ބުންޏެވެ.
އޭނާ މިހެން ބުނި ނަމަވެސް ބައެއް ކުޅުންތެރިން ވަނީ ކުލަބުތަކުގައި އަދާ ކުރަން ޖެހޭ ޒިންމާތަކެއް އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކުލަބު މެޗުތައް ނިންމާފައި ޓްރޭނިން ކޭމްޕްގައި ބައިވެރިވުމަށް އެދެމުންނެވެ.
މެކްސިކޯއިން މިހާރު ވަނީ 20 ކުޅުންތެރިންގެ ސްކޮޑަކާއެކު ފަރިތަކުރުންތައް ފަށައިފަ އެވެ. މީގެ ތެރޭގައި މުޅިން ވެސް ހިމެނެނީ މެކްސިކޯގައި ކުޅޭ ކުޅުންތެރިންނެވެ. އަދި މި 20 ކުޅުންތެރިންގެ ތެރެއިން 12 ކުޅުންތެރިންނަކީ ޖޫން 11 ވަނަ ދުވަހު ވޯލްޑް ކަޕް ހުޅުވަން ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭނެ ކުޅުންތެރިންނެވެ. ފަރިތަކުރުންތަކުގައި މިވަގުތު ބައިވެރިވާން ނަގާފައިވާ އަނެއް 8 ކުޅުންތެރިންނަކީ ވޯލްޑް ކަޕަށް ނަގާ ޓީމުގެ ކުޅުންތެރިއަކަށް ކަމެއް ދިމާވެއްޖެނަމަ އިމަޖެންސީ ހާލަތުގައި ތިބޭނެ ބެކަޕް ޓީމެކެވެ. މެކްސިކޯއިން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕް ޓީމުގައި ހިމެނޭ ކުޅުންތެރިން ޓީމާ ގުޅޭނީ ޔޫރަޕުގެ ފުޓްބޯޅަ ލީގުތައް ނިމުމުންނެވެ.
ކޯޗު އަގުއިރޭ ބުނީ މިހާ އަވަހަށް ޕްރެކްޓިސް ފެށުމުގެ ބޭނުމަކީ ޓީމުގެ ކުޅުންތެރިން އޭނާ ބޭނުންވާ ގޮތަށް ހާނުވައި ގޭމް ޕްލޭނަށް ތައްޔާރު ކުރުން ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.