ކުޅިވަރު

އެމެރިކާ ޓީމު އިއުލާނު ކުރުން މި މަހުގެ 26ގައި


ވޯލްޑް ކަޕް ކުޅޭ އެމެރިކާގެ ޓީމު އިއުލާނު ކުރާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ނިންމައިފި އެވެ.

އަދި މިކަމަށް ވަރަށް ހާއްސަ ރަސްމިއްޔާތެއް ނިއުޔޯކްގައި ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.

މެކްސިކޯ އާއި ކެނެޑާއާ ގުޅިގެން ވޯލްޑް ކަޕް ބޭއްވި ނަމަވެސް މުބާރާތް ކުޅޭ މައިގަނޑު ގައުމަކީ އެމެރިކާ އެވެ. ޖުމުލަ 60 މެޗު އެ ގައުމުގައި ކުޅޭއިރު ފައިނަލް މެޗު ވެސް އޮންނާނީ އެމެރިކާގަ އެވެ. މިހެންވެ އެމެރިކާގެ ފުޓްބޯޅަ ޓީމު މި މުބާރާތުގައި ރަނގަޅު ނަތިޖާއެއް ހޯދުމުގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ.

އާޖެންޓީނާ އަށް އުފަން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޓީމުގައި ތަރިން ހިމަނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ތެރޭގައި ފޯވަޑް ކްރިސްޓިއަން ޕުލްސިޗާއި ދެ މިޑްފީލްޑަރުން ކަމަށްވާ ވެސްޓޮން މެކްކެނީ އާއި ޓެއިލާ އެޑަމްސް އަދި ޑިފެންޑަރު ކްރިސް ރިޗަޑް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ މޭޖަ ސޮކާ ލީގާއި ޔޫރަޕުގައި ކުޅޭ ބައެއް ކުޅުންންތެރިން ވެސް 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާނެ ކަމަށް ބެލެވެ އެވެ.

މި މަހުގެ 26 ވަނަ ދުވަހު ޓީމު އިއުލާނު ކުރުމުގެ ރަސްމިއްޔާތު ބާއްވަނީ 26އާ ގުޅޭ ތިން ކަމަކާ ގުޅުވައިގެންނެވެ. އެއީ މި އަހަރަކީ 2026 ކަމުގައި ވެފައި މި މަހުގެ 26 ވަނަ ދުވަހާއި ޓީމުގައި ހިމަނަން ޖެހޭނީ ވެސް 26 ކުޅުންތެރިން ކަމުގައިވާތީ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާއިރު މިއީ އެމެރިކާގައި ބާއްވާ ދެ ވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން ބޭއްވީ 1994 ވަނަ އަހަރު ވަނަ އަހަރުގެ މުބާރާތެވެ.