ޚަބަރު

"ބޭސް ލިބުމުގައި ހުރި ދަތިތައް ސަރުކާރުން ހައްލުކޮށްދޭނެ"


  • 30% ބޭސް ފޯރުކޮށްދެމުންދަނީ އެސްޓީއޯއިން

  • ސަރުކާރުގެ ބޭސް ކުންފުނީގެ ޤާބިލުކަން އިތުރުކޮށް ބޭނުންވާ މިންވަރަށް އެތެރެކުރެވޭނެ

ބަލިމީހުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ބޭސް ކުންފުނީގެ އެހީގައި ހައްލުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހުގެ %30 ބޭސް ފޯރުކޮށްދެމުންދަނީ އެސްޓީއޯއިން ކަމަށާއި %70 ބޭސް ފޯރުކޮށްދެމުންދަނީ އަމިއްލަ ކުންފުނިތަކުން ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށާއި އެއް ބޭހެއް ރާއްޖެއަށް ތިން ހަތަރު ވިޔަފާރިއަކުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެެވެ. އަދި އެއް ބަޔަކު އެކަމުގެ ތެރޭގައި އުޅެގެން ނޫނީ ބޭނުންވާ އަދަދަށް ބޭސް ރާއްޖޭގައި ލިބޭ ގޮތް ނުހެދޭނެކަމަަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ވަޒީރުގެ ވިދާޅުވީ ބޭހުގެ ކަންކަން ހައްލުކުރުމަށް ސިއްޙީ ދާއިރާއިން ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އެކުގައި ސްޓޭޓް ފާމާ ކޮންޕެނީއިން އެބަ މަސައްކަތްތަކެއް ކުރަމުންގެންދޭ. ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ނޫނީ ބޭހުގެ އަގު، އޭގެ ޕްރޮފިޓް މާޖިން ވަރަށް ބޮޑަށް މަތިކޮށް ބޭސް ވިއްކުން ހުއްޓުވުމަށްޓަކައި އާސަންދައިން މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެ މިނިމަލް ރީޓެއިލް ޕްރައިސް ކަނޑައަޅާ އޭގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި" ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިނަމަވެސް އުއްމީދަކީ ސަރުކާރުގެ ބޭސް ކުންފުނީގެ ޤާބިލްކަން އިތުރުކޮށް، ރާއްޖެއަށް ބޭނުންވާ ބޭސް ބޭނުންވާ މިންވަރަށް އެތެރެކުރެވުން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީވެސް އެ މަޤުޞަދު ހާސިލްކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތަކުންވެސް މިހާރަށްވުރެ ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ނިޒާމުގައި އާންމުންގެ އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ ބޭހުގެ މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް އެކި މަސައްކަތްތައް ކުރިނަމަވެސް އަދިވެސް ގިނަ ބައެއްގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ރަށްރަށުގައި ހުރި ބޭހުގެ ސްޓޮކް ހުސްވުމާއި، މާލެއިންވެސް ބޭނުންވާ މުހިއްމު ބޭސްތައް ނުލިބުމުގެ މައްސަލައެވެ. ޑޮކްޓަރުން ލިޔެދޭ ބޭސްތައް ނުލިބިގެން ބޭސް ބަދަލުކުރަންޖެހުމުގެ ޝަކުވާއެވެ. ބޭހުގެ އަގު ބޮޑުވުމުގެ ޝަކުވާއެވެ.

މިހުރިހާ މައްސަލައެއްގެ ހައްލަކީ ބޭސް ކުންފުނިކަމަށް ސަރުކާރުން ވިދާޅުވެއެވެ. ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދައުލަތުގެ ބޭސް ކުންފުނި އުފެއްދެވީ މިދިޔަ 2025 ވަނަ އަހަރުގައެވެ. މިހާތަނަށް އެކުންފުނިން ބޭހުގެ ފުރަތަމަ ޝިޕްމަންޓް ގެނެސް ދަނީ ބޭސް ފޯރުކޮށްދެމުންނެވެ.