ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފިއެވެ. މި ކަދުރުތައް ހަދިޔާކޮށްފައިވައިނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މިގޮތުން މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއި 14 އާއިހަމައަށް ހެނދުނު 9:30 އިން 13:00 އަށެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ. ސިޓީތަކާއި ރަށްރަށަކަށް ޢަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންކަމަށާއި ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށްކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ރާއްޖެއަށް މެދުކެނޑުމެއް ނެތި ކަދުރު ހަދިޔާކުރަމުންދާކަން ފާހަގަކުރައްވާފައެވެ.