ކުޅިވަރު

ވޯލްޑް ކަޕް: އީރާން ތައްޔާރުވަނީ ޝަރަފުވެރި، އަދި ކާމިޔާބު ބައިވެރިވުމަކަށް


އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޝަރަފުވެރި އަދި ކާމިޔާބު ބައިވެރިވުމަކަށް އިރާން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުން ބުނެފި އެވެ.

މިއީ އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށި ފަހުން މިހާ ސާފުކޮށް ވޯލްޑް ކަޕުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއް އިރާނުން ކުރި ފުރަތަމަ ފަހަރެވެ. މިވަގުތު ހަނގުރާމަ އޮތީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ.

އީރާން ސަރުކާރުގެ ސްޕޯކްސް ޕާސަން ފާތިމާ މޮހެޖެރާނީ އިރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ބުދަ ދުވަހު ވިދާޅުވީ އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ ވޯލްޑް ކަޕުގައި ކުޅެން އެމެރިކާ އަށް ދާން ތައްޔާރުވާން އަންގާފައި ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އީރާނުން ވޯލްޑް ކަޕުގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އޭނާ މިހެން ވިދާޅުވީ މާޗު 31 ވަނަ ދުވަހު ތުރުކީގައި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްބައެއް ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ވޯލްޑް ކަޕުގައި އިރާން ހިމެނެނީ ނިއުޒީލޭންޑާއި ބެލްޖިއަމާއި މިސުރާ އެއް ގްރޫޕެއްގަ އެވެ. މި މެޗުތައް ކުޅެން ޖެހޭނީ އެމެރިކާގަ އެވެ. މެޗުތަކަށް އިރާނުން ކޭމްޕް ކުރާނީ އެމެރިކާގެ އަރިޒޯނާގައި ޖޫން 10 ވަނަ ދުވަހު ކަމަށް ވެސް ފީފާއިން ވަނީ ބުނެފަ އެވެ.

އިރާނުން ވޯލްޑް ކަޕުގައި ކުޅެން ތައްޔާރުވިއިރު މިހާރު އެންމެ އަވަހަށް ކުރަން ޖެހިފައި އޮތް ކަޕަކީ ޓީމުގެ އެންމެހާ މެމްބަރުންނާއި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް އާއި އެނޫން ވެސް ޑެލިގޭޝަނުގެ ބޭފުޅުންނަށް އެމެރިކާ އަށް ދިއުމަށް ބޭނުންވާ ވިސާ ހަމަޖެއްސުމެވެ. މިކަމުގައި ފީފާއިން މިހާރު އީރާނަށް އެހީތެރިކަން ވަނީ ފޯރުކޮށްދޭން ފަށައިފަ އެވެ.

ނަމަވެސް ފީފާއިން އެދިގެން ވެސް އެމެރިކާއިން ވަނީ ޑިސެމްބަރު މަހު އެ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އިރާނުގެ އެފްއޭގަ ރައީސާއި ބައެއް ބޭފުޅުންނަށް ވިސާ ނުދީފަ އެވެ. މިހެންވެ ވޯލްޑް ކަޕަށް ވިސާދޭނެކަން ވެސް ވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

އިރާނުން ވޯލްޑް ކަޕް ކުޅޭނެ ކަމަށް ބުނެފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިސް ބޭފުޅުން އިރާނުގެ ބަދަލުގައި އިޓަލީ މުބާރާތުގައި ކުޅުވަން މަސައްކަތް ކުރި ކަމަށްވެ އެވެ. ނަމަވެސް މުބާރާތުގެ ގަވާއިދު އޮތް ގޮތުން އިރާނުން ނުކުޅޭނަމަ މި ޖާގަ ލިބޭނީ އޭޝިޔާގެ ޓީމަކަށެވެ. އެހެން ވެއްޖެނަމަ އެންމެގާތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް އިރާނުގެ ޖާގަ ލިބުމެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ފީފާގެ އިމަޖެންސީ ޓީމު އެއްތަންވެ މަޝްވަރާ ކުރާނެ އެވެ.