މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އަންނަ އަހަރު ހުޅުވުމަކީ އަމާޒެއްކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ދުނިޔެ ބަދަލުވަމުންދަގޮތާއި ޓެކްނޮލަޖީގެ ގޮތުން އަންނަ ކުރިއެރުންތަކާއެކު މަޖީދިއްޔާ ސްކޫލަކީ މިކަންކަމަށްވެސް އެހެން ސްކޫލްތަކަށް ނަމޫނާއަކަށް ވާންޖެހޭކަމަށެވެ. އަދި ތަޢުލީމީ ނިޒާމް ކުރިއެރުމަށާއި އަންނަން އޮތް ޖީލަށް ތަޢުލީމް ފޯރުކޮށްދިނުމަށްޓަކައި މަޖީދިއްޔާ ސްކޫލް ނަމޫނާއަކަށް ވާންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިއަހަރު ތަޢުލީމީ ނިޒާމް ކުރިއެރުވުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެހެން މީހުންނަށް އިޚްތިރާމްކުރާ އަދި ރިވެތި ސިފަތަކެއް އަށަގެނެފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސްކޫލްތަކުގައި ތަރުބަވީ ޚާއްސަ ޕްރޮގްރާމް "ބިންގާ" ފަށާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ވަކިވަކި މާއްދާތަކުން ކުރިއެރުންތައް ހޯދުމަށް ބާރުއެޅިނަމަވެސް ދަރިވަރުންގެ ކިބައިގައި އެކި ހުންރުތައް އަށަގަތުމަށްޓަކައި މަސައްކަތް ކުރަންޖެހޭކަމަށެވެ. މި ސަރުކާރުން އެ މަސައްކަތްތަކަށް އަހަންމިއްޔަތުކަން ދިނުމުގެ ގޮތުން ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަ ސްކޫލެއް ހުޅުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މަޖީދިއްޔާގެ 100 އަހަރުގެ ރަމްޒްކޮށްދިނުމުގެ ޚާއްސަ ބިނާގެ މަސައްކަތް 100 އަހަރު ފުރެންވާއިރަށް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"ރައީސްގެ ޚާއްސަ އިރުޝާދާއެކު އަދި އަޅުގަނޑަށް ދެއްވި ގައިޑެންސްއާއެކު މަޖީދިއްޔާ ސްކޫލްގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން ބިން ނަގާ އެތަނުގައި މަޖީދިއްޔާގެ 100 އަހަރުގެ ރަމްޒްކޮށްދިނުމުގެ ޚާއްސަ ބިނާގެ މަސައްކަތް މިހާރު ވަނީ ފެށިފައި." ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހުކުރުމަށް 2024 ވަނަ އަަހަރު ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީގައި ވަޒީރު ޝަފީޢު ވަނީ އެ ސްކޫލްގެ އައު ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއް އިފްތިތާހްކޮށްދެއްވާފައެވެ. މި އެސެމްބްލީގައި އެ ސްކޫލްގެ މިހާރުގެ ދަރިވަރުންނާއި މުސްކުޅި ދަރިވަރުން ބައިވެރިވިއެވެ.
ރާއްޖޭގެ ނިޒާމީ ތަޢުލީމީ އެންމެ ފުރަތަމަ ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރީލްމަހުގެ 19ވަނަ ދުވަހު އޭރުގެ މަދަރުސަތުއް ސަނިއްޔާ ހުޅުވުމާ އެކުގައެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްސުއްދީން 3ގެ އިސްނެންގެވުމާއެކު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ. މަދަރުސަތުއްސަނިއްޔާ މަދަރުސަތުލް މަޖީދިއްޔާއަށް ނަން ބަދަލުކުރީ 1947ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ އެންމެ މުހިންމު ބިނާ،1952 ވަނަ އަހަރު ތަރައްޤީކުރި "ދާރުލް އުލޫމު" އިމާރާތަކީވެސް ސްކޫލަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ބިނާއެކެވެ.
މަޖީދިއްޔާ ސްކޫލްގެ ގޯތި ތެރޭގައި މިހާރުވެސް މިބިނާ ހުރިއިރު މިއީ ރާއްޖޭގެ ޒަމާނީ ތަޢުލީމުގެ ބިންގަލުގެ އިތުރުން، ރާއްޖޭގެ ތާރީޚާއި ގުޅުންހުރި ބޮޑެތި ބައްދަލުވުންތައް ބޭއްވި ތަނެކެވެ. މިއަދު މަޖީދިއްޔާ ސްކޫލަށް މިވަނީ 99 އަހަރު ފުރިފައެވެ.
މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ކަރިކިއުލަމްއަށްވެސް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. 69 ދަރިވަރުންނާއެކު ކިޔެވުން ފެށި މި ސުކޫލުގައި މިހާރު 1300އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ. މިހާރު އެ ސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑަށްވެސް ކިޔަވައިދެއެވެ.