މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގައި، ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ. މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މަޢުރަޒު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގައެވެ. މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، މަޢުރަޒުގެ އުސޫލު މިހާރު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި މަޢުރަޒުގައި އަލަށް ހިމަނާފައިވާ ދީނީ ކޮންޓެންޓު އުފައްދާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ މަޤްޞަދަކީ އުފެއްދުންތެރި އަދި ތަޢުލީމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ އުޞޫލުތައް ކުރިއެރުވުމާއި، ދީނީ ކަންކަމަށް ޚާއްޞަ ތަކެތި އުފެއްދުމުގައި، އައު ވިސްނުންތަކަށް ހިތްވަރު ދިނުމެވެ. މި ކެޓަގަރީގެ ދަށުން އިސްލާމްދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ބައިވެރިކުރެވޭނެކަމަށް ބީސީސީއިން ބުނެއެވެ.
މި ކެޓަގަރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދީނީ ކޮންޓެންޓް، އޯޑިއޯ އަދި ވީޑިއޯ ފޯމެޓުގައި ހުށަހެޅުމުގެ ފުރުޞަތެވެ. މީގެ ތެރޭގައި އިސްލާމީ ތީމްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީތަކާއި، ރިޕޯޓްތަކާއި، އަދި ދީނީ ރޫޙު އާލާކުރުމަށް ތައްޔާރުކޮށްފައިވާ މަލްޓިމީޑިއާ އުފެއްދުންތައް ހިމެނެއެވެ. މިފަދަ އުފެއްދުންތައް ހުންނަންވާނީ ކަނޑައެޅިފައިވާ ދީނީ އުޞޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތައްކަމަށް ބީސީސީއިން ބުނެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ދީނީ ތަޢުލީމު އުގަންނައިދިނުމަށް ބޭނުންކުރާ ތަކެއްޗަށް ޚާއްޞަ ސަބް-ކެޓަގަރީއެއް ވެސް ވަނީ ހިމަނާފައެވެ.
މީގެ ތެރޭގައި ތަފާތު ޢުމުރުފުރާގެ ކުދިންނާ ގުޅޭގޮތަށް، އެކުދިންގެ ވިސްނުމާއި އުނގެނުމުގެ ޤާބިލުކަމަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ ތަޢުލީމީ ވަސީލަތްތައް ހިމެނެއެވެ. މީގެ ބޭނުމަކީ އައު ޖީލުތަކަށް އިސްލާމީ ތަޢުލީމު ފޯރުކޮށްދިނުމުގައި ޝައުޤުވެރި އަދި ފަސޭހަ ގޮތްތަކެއް ތައާރަފްކުރުންކަމަށް ބީސީސީއިން ބުނެއެވެ.
މި ކެޓަގަރީގައި އެހެނިހެން ދީނީ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިއީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރޒުގެ ތާރީޚުގައި ގެނެވުނު މުހިންމު ބަދަލެކެވެ. މީގެ ސަބަބުން ލިބޭ އިޤްތިޞާދީ ކުރިއެރުމުގެ އިތުރުން، މުޖުތަމަޢުގެ ސަގާފީ އަދި ދީނީ ކަންކަން ދިރުވައި އާލާކުރުމަށް މަގުފަހިވެގެން ދާނެކަމަށް ބީސީސީއިން ވަނީ ބުނެފައެވެ.
މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް www.expo.mv މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ވެގެންދާނީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، ބައިނަލްއަޤްވާމީ ބާޒާރަށް ތަކެތި ނެރުމަށް ތައްޔާރުވުމަށް ލިބިގެންދާނެ ފަހި ފުރުޞަތަކަށެވެ.