ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން އާޖެންޓީނާއިން ކުޅޭނެ އެންމެ ފަހު ދެ މެޗަކީ ހޮންޑިއުރަސް އާއި އައިސްލޭންޑް މެޗުކަމަށް ނިންމައިފި އެވެ.
މީގެ ތެރެއިން ޖޫން ހަ ވަނަ ދުވަހު ހޮންޑިއުރަސްއާ ދެކޮޅަށް ކުޅޭނީ އެމެރިކާގެ ޓެކްސަސްގަ އެވެ. އައިސްލޭންޑާ ދެކޮޅަށް ކުޅޭނީ މީގެ ތިން ދުވަސް ފަހުންނެވެ.
އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުން މި ދެ މެޗު ރޭވި މައިގަނޑު ސަބަބަކީ ޒުވާން ބައެއް ކުޅުންތެރިން ޓެސްޓް ކުރަން ކޯޗު ލަޔޮނަލް ސްކަލޯނީ ބޭނުންވުމެވެ. ތަށި ދިފާއު ކުރަން ނުކުންނަ އާޖެންޓީނާ ހިމެނެނީ ވޯލްޑް ކަޕުގައި އޮސްޓްރިއާ އާއި އަލްޖީރިއާ އާއި ޖޯޑަންއާ އެއްގްރޫޕެއްގަ އެވެ.
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ ދަތި ކަމެއް ކަމަށް ކޯޗު ސްކަލޯނީ ވަނީ ބުނެފަ އެވެ.
"އެންމެ އުނދަގޫ ކަމަކީ ތަށި ދިފާއު ކުރުން. އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް. ސަބަބަކީ ކޮންމެވެސް ސަބަބަކާ ހުރެ ވޯލްޑް ކަޕް ނުލިބި ފެންވަރު ރަނގަޅު 10 ވަރަކަށް ގައުމު އޮތުން. މި ފަހަރުގެ މުބާރާތުގައި މަދުވެގެން 10 ޓީމު ވަރު ތައްޓަށް ވާދަ ކުރާނެ. އެހެންވީމާ އެއީ ފަސޭހަ ކަމަކަށް ނުވާނެ،" ސްކަލޯނީ ބުންޏެވެ.