ޚަބަރު

ޕީއެސްއެމްގެ ރަންމުތް މަދަހަ މުބާރާތުގެ 1 ވަނަ މިއަހަރުވެސް އިޙްތިސާމަށް


  • ދެވަނަ އާމިނަތު ލައިސާ ހިލްމީއަށް

  • 3 ވަނަ ހޯދާފައިވަނީ ޒާހިލް

މިއަހަރުގެ ރަމަޟާންމަހު ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ރަންމުތް މަދަހަ މުބާރާތުގެ އެއްވަނަ އިހްތިސާމު އިބްރާހީމް ހޯދައިފިއެވެ.

ރަންމުތް މަދަހަ މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

126 ކުދިން ބައިވެރިވި މިއަހަރުގެ ރަންމުތް މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ އަދި މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނައަށް ހޮވުނު ކުދިންނަށް ހަނދާނީ ލިއުމާއި ޓްރޮފީ ވަނީ ޙަވާލުކޮށްފައެވެ.

މިއަހަރުގެ މި މުބާރާތުންވެސް މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ މިދިޔަ އަހަރުގެ މުބާރާތުންވެސް އެއްވަނަ ހާސިލްކުރި ޅ. ނައިފަރު ލޯޑްވިލްމާގެ އިޙްތިސާމް އިބްރާހީމަށެވެ.

މުޅި މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ، ފ.މަގޫދޫ ވީނަސްވިލާ އާމިނަތު ލައިސާ ހިލްމީއަށެވެ. އަދި މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ، ޒާހިލް އިބްރާހީމް ރަމީޒެވެ. އޭނާއަށް ވަނީ ހަނދާނީ ފިލައާއި ޓްރޮފީގެ އިތުރުން، 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވީ، ޕީއެސްއެމް ގެނެސްދޭ މިފަދަ މުބާރާތްތަކަށް ބޭނުންވަނީ ބެލުންތެރިންގެ އެއްބާރުލުންކަމަށެވެ.

"އަޅުގަނޑުމެން ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް މުޖުތަމަޢުގައި މިކަހަލަ އެކި އެކި ކަންތައްތައް ޒުވާނުންނަށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނޭގޮތަށް އަޅުގަނޑުމެންގެ ކިބައިގައިހުރި ހަރުދަނާ ރަނގަޅު ސިފަތަކާއި އަޅުގަނޑުމެން އާލާކޮށް އިތުރުކުރަންޖެހޭ ހުނަރުތައް ތަރައްޤީކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މިއިން ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބޭނުންވަނީ ބެލުންތެރިންގެ އެއްބާރުލުން". ޝަކީބް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މިއަހަރުގެ ރަންމުތް މަދަހަ މުބާރާތަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔައެވެ. އެގޮތުން ވަރަށް ގިނަ ކުދިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، އުއްމީދުކުރި ފެންވަރަށް ޕްރޮގްރާމުގެ ކަންކަން ކުރިއަށް ގެންދެވުނުކަން ފާހަގަކުރެއެވެ.