ޚަބަރު

ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ތަޙުލީލުތަކާއި ދިރާސާތައް މުހިއްމު!


  • މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް

  • މިއަހަރުގެ ޝިއާރަކީ "ސައިންސްގެ އަލީގައި ކުރިއަށް، ސިއްޙަތަށްޓަކައި އެންމެން"

ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 7ވަނަ ދުވަހަކީ ދުނިޔޭގެ ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ވަކި ޚާއްސަ ޝިޢާރެއްގެ ދަށުން ޞީއްޙީ ގޮތުން މުހިންމު މެސެޖެއް ދިނުމަށް ފާހަގަކުރަ މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1950 ވަނަ އަހަރުން ފެށިގެން އަންނަނީ ފާހަގަކުރަމުންނެވެ.

ޞިއްޙަތުގެ ދުވަހުގެ ގޮތުގައި، ވަކި ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ޞިއްޙަތުގެ މުހިއްމުކަމާއި، ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ފަރުދީ، އާއިލީ އަދި މުޖްތަމަޢުއާއި ދައުލަތުގެ ފެންވަރުގައިވެސް މަސައްކަތް ކުރުމެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތުގެ ދުވަހުގެ ޝިޢާރު ބިނާވެގެންވަނީވެސް ޞިއްޙަތަށްޓަކައި އެކުގައި މަސައްކަތްކުރުމުގެ މައްޗަށެވެ. މިއަހަރުގެ ޝިއާރަކީ "ޓުގެދާ ފޯރ ހެލްތް ސްޓޭންޑް ވިތް ސައިންސް" ނުވަތަ "ސައިންސްގެ އަލީގައި ކުރިއަށް، ސިއްހަތައްޓަކައި އެންމެން" މިއެވެ. މި ޝިއާރުގެ ބޭނުމަކީ، ޞިއްޙީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީވެސް، ޒަމާނި ސައިންސްއާއި، ސާބިތުހިފޭ ތަޙުލީލުތަކާ ދިރާސާތަކުގެ ނަތީޖާތަކާއި ފަންނީ މަޢުލޫމާތާއި ތަޖްރިބާއަށް ބަރޯސާވެގެން ކުރާކަންކަމުގައި ހެދުމެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ޒަމާނީ ވަޞީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ތަޢުލީމާއި ތަމްރީނުން ޤާބިލުކަން ހޯދާފައިވާ ޚިދުމަތްތެރިން މަސައްކަތްކުރަމުން އަންނަ ހަރުދަނާ ޞިއްޙީ ނިޒާމެކެވެ. ރާއްޖޭގައި ބަލިތަކުން ދިފާޢުވުމާއި، ބައެއް ބަލިތައް އެއްކޮށް ނައްތާލުމާއި ބޭސްފަރުވާ ކުރުމުގައި ފަހުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމުގެ ޙަޤީޤީ ސިއްރަކީ، މެޑިކަލް ސައިންސް އާއި ސާބިތުހިފޭ ފަންނީ މަޢުލޫމާތަށް އިތުބާރުކޮށް އަހުލުވެރިވެ އެ އުޞޫލުން ޚިދުމަތްތައް އިންތިޒާމުކޮށްފައިވުމެވެ.

މިއަދުގެ ސަރުކާރުގެ ޞިއްޙީ ބައެއް ސިޔާސަތުތަކަށް ބަލާލިނަމަވެސް މިކަން ފެނިގެންދެއެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ހުރިހާ ޚިދުމަތެއްގައިވެސް، އެންމެ އިސްކަމެއްދެނީ، އެ ޚިދުމަތެއްގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޚިދުމަތް ފަސޭހައިން ލިބޭނޭގޮތުގެ މައްޗަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ވޭތުވެދިޔަ 2 އަހަރު ޞިއްޙީ ދާއިރާއިން ވަނީ މީގެ ކުރިން ނެތް އެތައް ޚިދުމަތްތަކެއް ތަޢާރަފްކޮށް އުމްރާނީ ތަރައްގީއަށްވެސް މުހިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ. ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ސަރަޙައްދަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ވޭތުވެދިޔަ 2 އަހަރުތެރޭގައި ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިން ލިބެން ނެތް އެތައް ޚިދުމަތްތަކެއް ދޭން ފަށާފައެވެ.

އޭގެ ތެރޭގައި ރޭޑިއޮލޮޖީ ޚިދުމަތާއި އެމްއާރްއައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ހެދުން ފަދަ ޚިދުމަތްތައް ވަނީ އަތޮޅުތެރެއަށް ފުޅާކޮށްފައެވެ. ހަމަ މިއާއެކު ކޮންމެ ރަށަކުންވެސް އެންމެ އާދައިގެ ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ލެބޯރެޓަރީތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން 18 ރަށުގައި ލެބޯޓްރީގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

ޞިއްހީ ފަރުވާއާއި ޚިދުމަތަށް އަދި ޞިއްޙީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު، ދުވަހެއް ދުވަހަކަށްވުރެ ބޮޑުކުރުމަށް، އަދި ޖުމްލަ ގޮތެއްގައި ޞިއްޙީ ނިޒާމު ދުވަހެއް ދުވަހަކަށްވުރެ ތަރައްޤީ ކުރުމަށް ސަރުކާރުންދާނީ އަބަދުވެސް މަސައްކަތް ކުރަމުންކަމަށް ސިއްހީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިކަން ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ވަސީލަތްތައް ހޯދުމާއި، މީހުން ބިނާކުރުމަށްޓަކައި ކުރަންންޖެހޭ މަސައްކަތްތައް ކުރަމުންދާކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.