20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، އަނެއްކާވެސް ބަންގްލަދޭޝް އިން ހޯދައިފިއެވެ.
އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އިން އަނެއްކާވެސް މުބާރާތުގެ ޗެމްޕިއަންކަން އިން ހޯދީ، ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާގެ މައްޗަށް 3-4 އިން ކުރިހޯދައިގެންނެވެ.
މެޗު ފެށިގެން، އެންމެ ފަހު ވަގުތުކޮޅާ ހަމައަށް ވެސް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި، އަވަސް ކުޅުމެކެވެ.
ބައެއް ވަގުތުތަކުގައި އިންޑިއާއިން ކުރިއަށް ޖެހި އެޓޭކުތަކެއް ކުރާއިރު، ބަންގްލަދޭޝް އިން ވެސް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައިވެއެވެ.
އެހެންނަމަވެސް މެޗުގެ 90 މިނެޓާއި އިތުރުވަގުތުގެ ކުޅުން ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި، އެއްވަރުވެގެންނެވެ.
މިއާއެކު ނަތީޖާ ނެރުމަށް ޖެހުނީ ސީދާ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ފުރަތަމަ ޕެމނަލްޓީ ފޮނުވާލީ އިންޑިއާއިންނެވެ. އެ ޓީމުގެ ރިޝީ ސިންގެވެ. ރިޝީގެ ޕެނަލްޓީ، ބަންގްލަދޭޝްގެ ކީޕަރު އިސްމާއިލް ހުސެއިން ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ޕެނަލްޓީ ބަންގްލްދޭޝްގެ މުރްސެދު އަލީ ފޮނުވާލިއިރު އޭނާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ތިންވަނަ ޕެނަލްޓީ އިންޑިއާގެ އަރްބާޝް ފޮނުވާލިއިރު އޭނާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މެޗުގެ ހަތަރުވަނަ ޕެނަލްޓީ، ބަންގްލަދޭޝްގެ ދެވަނަ ޕެނަލްޓީ ފޮނުވާލީ ޗަންދަން ރޯއީ އެވެ. އޭނާ އެ ޕެނަލްޓީ ކާމިޔާބުކުރިއިރު އިންޑިއާގެ ތިންވަނަ ޕެނަލްޓީ ފޮނުވާލި ސަމްސޮން ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝްގެ ތިންވަނަ ޕެނަލްޓީ، އަބްދުލް ރިޔާދު ފަހީމް ފޮނުވާލިއިރު، އޭނާ ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ޝޫޓްއައުޓުގެ ހަތްވަނަ ޕެނަލްޓީ، އިންޑިއާގެ ހަތަރުވަނަ ޕެނަލްޓީ ފޮނުވާލި ވިޝާލް ޔާދަވް ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝްގެ ހަތަރުވަނަ ޕެނަލްޓީ ފޮނުވާލީ ސެމިއުލް ރަކްސަމް އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އިންޑިއާގެ ފަސްވަނަ ޕެނަލްޓީ ފޮނުވާލީ އޮމަންގް ޑުޑަމް އެވެ. މި ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ.
ބަންގްލަދޭޝްއަށް ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްދީ މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދިނީ، އެ ޓީމަށް ކުޅޭ އެމެރިކާއަށް ނިސްބަތްވާ ރޮނާން ސުލިވަންއެވެ.
ރާއްޖޭގައި މިފަހަރު ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ މި އުމުރުފުރާގެ ތިންވަނަ މުބާރާތެވެ. އެންމެފުރަތަމަ 20 އަހަރުން ދަށުގެ މުބާރާތް ބޭއްވީ 2022 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގައި ޕެނަލްޓީގައި ބަންގްލަދޭޝް ބަލިކޮށްގެން ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ.
އެފަހުން 2024 ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން، ނޭޕާލް ބަލިކުރުމަށްފަހު ހޯދީ ބަންގްލަދޭޝް އިންނެވެ. ތަށި ދިފާއުކޮށް ބަންގްލަދޭޝް އިން މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ ގައުމު ވެފައި މިވަނީ މި އުމުރުފުރާގެ އެންމެ ކާމިޔާބު ޓީމަށެވެ.