ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވިކަމާއެކު އިބޯލާ ފެތުރުން ހުއްޓުވުމުގެ ގޮތުން، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިިނުމުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް ވެކްސިން ޖަހައިދޭން ފަށައިފިއެވެ. މިއީ، ތާރީޚުގައި މިހާ ހަލުވިމިނެއްގައި އިބޯލާ ފެތުރެމުންދާ ފަހަރެވެ. ބަލި ފެތުރެމުންދާ ހަ ޕުރޮވިންސުގެ ތެރޭގައި ހިމެނޭ ޓުޝޯޕޯގެ ވެރިރަށް ކިސަންގާނީގައި ވެކްސިން ކެންޕޭން ފައްޓަވައިދެއްވަމުން، ކޮންގޯގެ ޞިއްޙަތާ ބެހޭ ވަޒީރު ރޮޖަރ ކަމްބާ ވިދާޅުވީ، 'އަރވީބޯ' ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދެނީ ބަލި ފެތުރުން ކޮންޓުރޯލު ކުރުމުގެ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ޞިއްޙީ ޚިދުމަތްތެރިންނަށް ކަމުގައެވެ. މި ދަނޑިވަޅުގައި، ކޮންގޯގައި މިހާރު ފެތުރެމުންދާ އިބޯލާގެ ސްޓްރެއިން ނުވަތަ ވައްތަރަށް ޚާއްޞަ ވެކްސިނެއް އުފެއްދުމުގެ ދިރާސާތައް ވެސް ދަނީ ކުރަމުންނެވެ.
ކޮންގޯ ސަރުކާރުން ޙިއްޞާ ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 5،713 މީހުންނަށް މި ބަލި ޖެހިފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި، 2،744 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ އިޓޫރީ ޕުރޮވިންސުގައެވެ. މީގެ ކުރިން ވެސް 17 ފަހަރެއްގެ މަތިން ކޮންގޯގައި އިބޯލާ ފެތުރިގެން ގޮސްފައިވާއިރު، މިއީ އެންމެ ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނައަށް ނުރައްކާވި ފަހަރު ކަމުގައި މަސްރަހުގެ ދާރިސުން ފާހަގަކުރެއެވެ. ކޮންގޯގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ އިހުތިޖާޖަކާ ގުޅިގެން، އެ ޤައުމުގައި އިބޯލާގެ ޙާލަތު ކޮންޓުރޯލުން ނެއްޓިފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) ބުނެއެވެ. އަދި، 2014 އިން 2016 އަށް ހުޅަނގު އެފްރިކާގެ ޤައުމުތަކަށް ކުރިމަތިވި އިބޯލާގެ ބަލިމަޑުކަމުގައި 11,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ފަހަރު އެއަށްވުރެ ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލުމުގެ ފުރުޞަތު ބޮޑު ކަމުގައި ވެސް ޑަބްލިޔުއެޗްއޯއިން އިންޒާރު ކުރެއެވެ.
ކޮންގޯގައި ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް އަރވީބޯ ވެކްސިންގެ 70,000 ޑޯޒް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމުގައި ޑަބްލިޔުއެޗްއޯއިން ހާމަކުރިއެވެ. މީގެ ތެރެއިން 50,000 ޑޯޒް ޞިއްޙީ ޚިދުމަތްތެރިންނަށް ޚާއްޞަކޮށްފައިވާއިރު، ބާކީ 20,000 ޑޯޒް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އިބޯލާ ފަތުރާ 'ބަންޑިބޫޖޯ' ވައިރަހުން ދިފާޢުވުމުގެ ތަހުލީލުތައް ފުރިހަމަ ކުރުމަށެވެ. މި ވެކްސިން ބޭނުން ކުރުމަށް ޑަބްލިޔުއެޗްއޯއިން ޚާއްޞަ ހުއްދައެއް ދީފައިވަނީ ނުރައްކާތެރި ޞިއްޙީ ޙާލަތްތަކުގައި ޢަމަލުކުރާ އުސޫލުގެ ދަށުންނެވެ. އަރވީބޯ ވެކްސިން ބޭނުންކޮށްގެން ބަންޑިބޫޖޯ ވައިރަހުން ދިިފާޢުކޮށްދޭ މިންވަރު ދެނެގަތުމުގެ ދިރާސާތައް އަދިވެސް ދަނީ ކުރަމުންނެވެ.
އެފްރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓުރޯލް އެންޑް ޕްރިވެންޝަންގެ (އެފްރިކާ ސީޑީސީ) ޑިރެކްޓަރ ޕްލަސީޑް އެމްބާލާ ކީންގެބޭނީ ވިދާޅުވީ، ވެކްސިންގެ ނަތީޖާ ދެނެގަތުމަށް ހިންގާ ކެންޕޭންގެ ތެރެއިން ކޮންގޯގެ 14 ސަރަޙައްދެއްގައި މަސައްކަތް ފަށާފައިވާއިރު، ތަހުލީލުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ. ވީ އެންމެ އަވަހަކަށް ވެކްސިން ޖަހައި، ބަލިން ރައްކާތެރިކަން ހޯދުމަށް ކޮންގޯގެ ޞިއްޙަތާ ބެހޭ ވަޒީރު ވަނީ ޞިއްޙީ ޚިދުމަތްތެރިންނަށް ބާރު އަޅުއްވާފައެވެ. އަމިއްލަ ރައްކާތެރިކަން އިސްކޮށް، މުޖުތަމަޢުގައި ބަލި ފެތުރުން ކޮންޓުރޯލު ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ވެކްސިން ޖެހުން ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.