ޚަބަރު

"މާލީ ދާއިރާގެ ތަރައްޤީގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ"


  • މިދާއިރާ ތަރައްޤީވާއިރު އެއްވެސް ރަށެއް ބާކީނުކުރުމަކީ ރައީސްގެ ސިޔާސަތެއް

  • އޭޓީއެމްތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާތަކެއް ލިބޭނެކަމަށް ވިދާޅުވި

މާލީ ދާއިރާ ތަރައްޤީވަމުންދާއިރު އޭގެ ސަބަބުން ލިބޭ ފައިދާތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބ. ގޮއިދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީއިން ބެހެއްޓި އެ ބޭންކުގެ 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ޚިދުމަތާއެކު ގޮއިދޫގެ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ހޯދުމަށް ފަސޭހަވެ، އެ ރަށުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލީ ކަންކަމާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ޤައުމުގެ މާލީ ދާއިރާ ތަރައްޤީވަމުންދާއިރު އެއްވެސް ރަށެއް ބާކީނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އާމްދަނީ ޖަމާކުރުމަށް ނުވަތަ ފައިސާ ނެގުމަށް އަތޮޅުގެ ވެރިކަން ކުރާ ރަށަށް ބޮޑު ޚަރަދު ކޮށްފައި ރައްޔިތުން ދާންނުޖެހޭނެ ކަމަށާއި، މާލީ ދާއިރާގެ ތަރައްޤީގެ ފައިދާ މުޅި ޤައުމުގެ އެންމެހައި ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް އެމްއައިބީއާއި އެހެނިހެން މާލީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ވަނީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވެ އެންމެހައި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ޚިދުމަތަކަށް ހަދަންޖެހޭނެ ކަމަށާއި، މީގެ މަންފާ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

މާލީ ވަޒީރު ޙަސަން ޒަރީރު ވަނީ، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ދޭ މާލީ ޚިދުމަތްތަކަށް ދިވެހިންގެ މެދުގައި އޮތް ތަރުހީބު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ މަޤުސަދަކީ މިފަދަ ޚިދުމަތްތައް ހަމައެކަނި މާލެއާއި ބޮޑެތި އާބާދީތަކަށް ލިބުމުގެ ބަދަލުގައި، މުޅި ރާއްޖެއަށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ރަށްރަށުގައި ފުޅާވަމުންދާ ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަމަށްވެސް އަލިއަޅުއްވާލެއްވިފައެވެ. އެގޮތުން ގޮއިދޫ ފަދަ ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށްތަކުގައި އޭޓީއެމްތައް ބެހެއްޓުމަކީ، އޭގެ ސަބަބުން ރަށުގެ ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ފަރާތްތަކަށާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ވަނީ ބ. ކެންދޫ، ގޮއިދޫ އަދި ތުޅާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. އަލަށް ޤާއިމުކުރި އޭޓީއެމްތައް މެދުވެރިކޮށް ބ. އަތޮޅުގެ ރައްޔިތުންނަށް 24 ގަޑިއިރު މާލީ އަސާސީ ޚިދުމަތްތައް ލިބޭނެއެވެ. އެގޮތުން ކޮންމެ ވަގުތެއްގައިވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.

މީގެއިތުރުން އެމްއައިބީން ވަނީ، ބ. އޭދަފުށީގައި އެ ބޭންކުގެ އައު ބްރާންޗެއްވެސް ހުޅުވާފައެވެ. މި ހުޅުވި އައު ބްރާންޗަކީ މީގެ ކުރިން އޭދަފުށީގައި ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިން ޚިދުމަތްތަކާއި، އެކައުންޓް ހުޅުވުމާއި، ފައިނޭންސިން ހައްލުތަކުގެ އިތުރުން އެހެނިހެން އަސާސީ ބޭންކިން ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ތަރައްޤީ ކޮށްފައިވާ ބްރާންޗެއް ކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ.