ޚަބަރު

ޚިދުމަތްތަކުގެ ކުރިއެރުމާއެކު، ރ.މީދޫ ހެލްތު ސެންޓަރު ލެވަލް 4އަށް


  • 3 ސްޕެޝަލިޓީއާއެކު، ޖުމުލަ 5 ޑޮކްޓަރުން މަސައްކަތްކުރޭ

  • މީދޫގައި 30 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް ވަނީ ފަށާފައި

ޚިދުމަތްތަކަށް ގެނައި ކުރިއެރުމާއެކު، ރ. މީދޫ ހެލްތު ސެންޓަރުގެ ޚިދުމަތް ލެވަލް 3އިން 4އަށް ބަދަލުކޮށްފިއެވެ.

މިކަން ފާހަގަކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. މި ޙަފްލާގައި މީދޫ ސިއްޙީ މަރުކަޒުގެ އިސްވެރިންނާ މުވައްޒަރުން ބައިވެރިވެފައިވެއެވެ.

މީދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒެކެވެ. އަދި ސްޕެޝަލިޓީގެ ޚިދުމަތްތައްވެސް މިހާރު އެ މަރުކަޒުކަޒުގައި ވަނީ ފަށާފައެވެ.

ސިއްޙީ މަރުކަޒުގެ ޚިދުމަތަށް އައި ކުރިއެރުމާއެކުވެސް، އެ މަރުކަޒު މިހާތަނަށްވެސް ރޭންކް ކޮށްފައިވަނީ ލެވަލް 3ގެ ސިއްޙީ މަރުކަޒެއްގެ ގޮތުގައެވެ. ނަމަވެސް އެއީ މިހާރު އެ ލެވަލަށްވުރެ މަތިން ޚިދުމަތް ދެމުންދާ ރަށެވެ. އަދި ސަރުކާރުން މިހާރު ވަނީ އެރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، އެކަމުގެ ޢަމަލީ މަސައްކަތްވެސް ފަށާފައެވެ. އެއީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މީދޫ ސިއްޙީ މަރުކަޒުގައި، މިދިޔަ އަހަރު ވަނީ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ފަށާފައެވެ. އެގޮތުން އެތެރެހަށީގެ ޑޮކްޓަރުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތައް އަދި އަންހެނުންގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރެއްގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. 2 މެޑިކަލް އޮފިސަރުންނާއެކު، ޖުމުލަ 5 ޑޮކްޓަރުން މިހާރު އެ ސިއްޙީ މަރުކަޒުގައި ވަނީ ފަށާފައެވެ. 48 މުވައްޒަފުން ޚިދުމަތުގައި މަސައްކަތްކުރެއެވެ.

މީދޫއަކީ 2000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އަދި ވަށައިގެން ގިނަ ރިސޯޓްތަކެއްވެސް އޮވެއެވެ. މީދޫގެ ސިއްހީ ޚިދުމަތްތައް ފުޅާވުމާއެކު ކައިރި އެހެން ރަށްރަށުގެ ރައްޔިތުންވެސް ޚާއްސަ ބަލުތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ހޯދުމަށް އެ ރަށަށް ދަތުރުކުރެއެވެ.

މިހާރު ތަރައްޤީކުރަން ފަށާފައިވާ ހޮސްޕިޓަލާއެކީ ޚިދުމަތްތައް އިތުރަށް ފުޅާވެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

މީދޫގައި ހެލްތް ސެންޓަރެއް ހުޅުވާ ޚިދުމަތް ފެށީ 2004ވަނަ އަހަރުއެވެ. އަދި ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ 2014ވަނަ އަހަރުއެވެ.