ޚަބަރު

މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި


  • 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރާނެ

  • މީގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ

އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށްފިއެވެ.

މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ސިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރ. މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރައީސްގެ ސިޔާސަތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައިވާ އެއްކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ.

އެގޮތުން އެ ވުޒާރާއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސް އެކަށައަޅުއްވާފައިވާ ސިޔާސަތެއްކަމަށެވެ.

"2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ މިކަން ހަމަޖައްސަވާ މިއަށް ފައިސާ ދެއްވާ އަޅުގަނޑުމެންނާ މިކަން ހަވާލުކުރެއްވި ހިސާބުން 2025 ވަނަ އަހަރު ފަހުކޮޅުން ފަށައިގެން މިހުޅުވަނީ 18 ލެބޯޓަރީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޡިމް ވިދާޅުވީ މިރަށްރަށުގައި މިކަން މީގެކުރިން ނުވެފައިވަނީ ސިޔާސަތުގެ ތެރޭގައި މިކަންކަން ނުހިމަނާ ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ރަނގަޅަށް އޮޅުން ފިލުވާފައި ނުވާތީކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ރައްޔިތުންގެ އަޑުއަހައި އެންމެ ބޭނުންވެފައިވާ ޚިދުމަތްތައް ޤާއިމްކުރަމުންދާކަން ވަޒީރު ވިދާޅުވިއެވެ.

ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން މި ސަރުކާރުން ވަނީ މިހާތަނަށް 4 ރަށެއްގައި އެކްސްރޭގެ ޚިދުމަތްވެސް ފަށާފައެވެ.

"މިއީ ވަރަށް ބޭނުންވެފައި ތިބިކަމެއް އަސްލު. ކަމެއް ވެއްޖެއްޔާ ނުވަތަ ޓެސްޓެއް ހަދަން ޖެހިއްޖެނަމަ މިޖެހެނީ ފުރާގެން އެހެން ރަށަކަށް ދާން. މިކަމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް." އަތޮޅުތަކުގެ ބައެއް ރައްޔިތުން ފާހަގަކުރިއެވެ.

އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

މި ޚިދުމަތް ޤާއިމްވެގެން ދިޔުމާއެކު ދިގު ދަތުރުކޮށްފައި މާލެ ނުވަތަ އެހެން ރަށަކަށް ދިޔުން މިވަނީ ނިމުމަކަށް އައިސްފައެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، ޢާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.