ޚަބަރު

މަޑުއްވަރިއާއި އުތީމު ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮއް ހިމާޔަތްކުރަން އެމްޓީސީސީއަށް


  • މަޑުއްވަރީ ބަނދަރު އަޕްގްރޭޑްކުރަން ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

  • އުތީމުގެ މަސައްކަތް 510 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ

ހއ.އުތީމު ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާއި ރ.މަޑުއްވަރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފެވެ.

ރ. މަޑުއްވަރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން 11،050 ސީބީއެމް ވެލިން ބެކްފިލް ކުރުމާއި، ބަނދަރުގެ މެއިންޓަނަންސް ޑްރެޖިންގް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 308 މީޓަރުގެ އައު އެއްގަމު ތޮއްޓެއްލުމާއި، 77 މޫރިންގް ރިންގްއާއެކު 11 ބަނދަރު ބައްތި، ކޮންކްރީޓް ޕޭވްމަންޓް އަދި ފެންހިންދާ ނިޒާމް ގާއިމްކުރާނެއެވެ. މި މަޝްރޫއުގެ ދަށުން 184 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި، 25 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހއ. އުތީމު ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމާއި، ބައު ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިން ހިއްކުމާއި، އައު ބަނދަރު އެއްގަމު ތޮށި ޤާއިމްކުރުމާއި، މޫރިން ރިންގްއާއި ފެން ހިންދާ ނިޒާމުގެ އިތުރުން ބަނދަރު ބައްތި އާއި ކޮންކްރީޓް ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ފައްތިޔާ އެޅުމާއި، ބައު ބަނދަރު އެއްގަމު ތޮށި މަރާމާތުކުރުމާއި، ރޭމްޕް ހެދުމާއި، ބޮޑު ހިލަ ބްރޭކްވޯޓަރ ޖެހުމާއި ބޮޑުހިލަ ޗެނަލް ބްރޭކްވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި ބޮޑުހިލަ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.

އެމްޓިސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.