ބޭންކް އޮފް މޯލްޑިވްސްގެ އެހީއާއެކު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރުޢޫތައް ކުރިއަށް ގެންދެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ހޯއްދެވި ޙައްލުގެ ނަތީޖާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ އުސޫލަށް ބަދަލު ގެނެސް، ރާއްޖޭގެ މާލީ އިދާރާތަކުން ވަކި އިންސައްތައެއް ބޯހިޔާވަހިކަމުގެ މަޝްރުޢޫތަކަށް ހޭދަކުރަން ޖެހޭގޮތަށް އުސޫލަށް އިސްލާޙުތަކެއް ވަނީ ގެނެސްފައެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ދަތި ހާލަތުގައި ދިރިއުޅޭ، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައްޓަން ކުރާ މަޝްރޫޢުއެއް ކަމަށެވެ.
ސަރުކާރު ޙަވާލުވިއިރު ރާއްޖެ އޮތް މާލީ ޙާލަތުގެ ސަބަބުން، ބޭރުގެ ބޭންކުތަކުން މާލީ އެހީތެރިކަން ހޯދުމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ރައީސްގެ ދުރު ވިސްނުންފުޅާއެކު މަސައްކަތް ކުރެއްވީ، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް އެކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ޤަވާއިދުތަކުގެ ތެރެއިން، ރާއްޖޭގެ ބޭންކުތަކުން ވަކި އިންސައްތައެއް ބޯޔާވަހިކަމުގެ މަސައްކަތްތަކަށް ކަނޑައަޅާ ގެންދެވޭ ގޮތަށް ބަދަލު ކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިއަދު މި ފެށިގެންދާ މަސައްކަތްތަކަކީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރުގެ މަސައްކަތްތައް, ނުހުއްޓި ކުރިއަށް ގެންދޭވެ ގޮތަށް އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.
"ބީއެމްއެލްއަކީ ސަރުކާރުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ބައިވެރިޔާ. މިއީ، ދަޢުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުމާއެކު ގުޅިގެން ހޯދިފައިވާ އިޖާދީ ޙައްލުތަކެއް. ރައީސްގެ ވިސްނުންފުޅުގެ ނަތީޖާ. މި ޔުނިޓުތައް ދޫކުރާނީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއީ ބޭންކް މެދުވެރިކޮށް އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދޭ ފުރުޞަތެއް ކަމަށެވެ. އެގޮތުން ލީސް ޓު އޯން މޮޑެލްއަށް، އެއްފަހަރާ ފައިސާ ދައްކަން ނުޖެހި، ވަކި މުއްދަތަކަށް ކުލި ދައްކާ އަމިއްލަކުރާ ގޮތަށް ގެންދާ މަޝްރޫޢެކެވެ.
ވަޒީރު ވަނީ، ޤައުމީ ތަރައްޤީގެ މިފަދަ މަސައްކަތްތަކުގައި ރާއްޖޭގެ މާލީ އިދާރާތަކާއި، ކޮންޓްރެކްޓަރުންނާއި، ޑިވެލޮޕަރުން ބައިވެރިވެ އެކުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިކަމުގައި ސަރުކާރުން ދޭންވާ އެހީއާއި އެއްބާރުލުން ދިނުމުގައި ތައްޔާރަށް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އެދެނީ، މިކަމުގައި ސަރުކާރާއެކު އިތުރަށް މަސައްކަތް ކުރުމަށް. ސަރުކާރުން ލުއިތަކާއި އެހީތެރިކަން ދޭނަން. މިއީ ރައްޔިތުންގެ އަޑު އަހާ، އެކަމަށް މަސައްކަތްކޮށް، ޑެލިވަރ ކުރާ ސަރުކާރެއް." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާތަނަށް ވަނީ 7900 ހައުސިން ޔުނިޓަށް، ސަރުކާރުގެ ސްކީމްތަކުގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލާފައެވެ. ބީއެމްއެލްގެ މި ޔުނިޓްތައްވެސް ދޫކުރަނީ، އަތްފޯރާ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ކުރިއަށްގެންދާ ސްކީމްގެ ދަށުންނެވެ. ބީއެމްއެލްއިން 3260 ހައުސިން ޔުނިޓް ތަރައްޤީ ކުރެއެވެ.