ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރެޒިލްގެ ކީޕަރު އަލިސަން ބެކާ ވެސް ގައުމީ ޓީމުން އުނިކޮށްފި އެވެ.
އުމުރުން 41 ވަނަ އަހަރުގެ ރޮނާލްޑޯ ޓީމުން އުނިކުރީ އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަތާ މަހެއްހާ ދުވަސްވެފައިވަނިކޮށެވެ. ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެނިކޮށް ލިބުނު އަނިޔާއަށް އޭނާ ފަރުވާ ހޯދަމުންދަނީ ސްޕޭނުގަ އެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އެމެރިކާ އާއި މެކްސިކޯއާ ދެކޮޅަށް ކުޅޭ ދެ މެޗުގައި ނުކުޅަނަސް ޖޫން މަހު އޮންނަ ވޯލްޑް ކަޕް ސްކޮޑުގައި ރޮނާލްޑޯ ހިމަނާނެ ކަމަށެވެ.
"އޭނާ މިވަގުތު ޓީމުގައި ނެތީ އެންމެނަށް ވެސް އެނގޭ ކަމެއްގައި. އޭނާ ފިޓެއް ނޫން. އަހަރުމެންނަށް މި ދެ މެޗަކީ އެހެން ކުޅުންތެރިން ތަޖުރިބާ ކޮށްލަން ލިބޭ ފުރުސަތެއް،" ކޯޗު ބުންޏެވެ.
ބްރެޒިލްގެ ކީޕަރު އަލިސަން ބެކާ ވެސް ޓީމުން އުނިކުރީ އަނިޔާގެ ސަބަބުންނެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ތުރުކީގެ ގަލަޓަސަރާއީ އަތުން ލިވަޕޫލް މޮޅުވި މެޗުގައި ކުޅުނު ނަމަވެސް އޭނާ ހުރީ އަނިޔާގަ އެވެ. އަދި ލިވަޕޫލުން ބުނީ އަނިޔާ ރަނގަޅު ނުވާތީވެ ޕްރެމިއާ ލީގުގައި ކުރިއަށް އޮތް މެޗުގައި ވެސް އަލިސަން ނުކުޅޭނެ ކަމަށެވެ.
އަލިސަން ނެތުމުން ބްރެޒިލް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ގޯލު ބަލަހައްޓާނީ ބެންޓޯ އާއި އެޑަސަން ކުރެ މީހެކެވެ.