ދިވެހިރާއްޖޭގައި ލީގަލް ޓެންޑަރ ނުވަތަ ރަސްމީކޮށް ބޭނުންކުރާ ފައިސާ އަކީ ދިވެހި ރުފިޔާއެވެ. ނަމަވެސް މިހާރު އެތެރޭގެ މުޢާމަލަތްތަކަށް ދިވެހި ފައިސާ ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް މަދުވަމުންދާކަމަކީ ފެންނަން އޮތް ހަޤީޤަތެކެވެ. މިކަން ބަދަލުކޮށް ދިވެހި ރުފިޔާއަށް އިސްކަން ދިނުމަކީ ހުރިހާ ސަރުކާރެއްގައިވެސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އަބަދުވެސް ގެންގުޅެފައިވާ ސިޔާސަތެކެވެ.
ރާއްޖޭގެ މާލީ ތާރީޚަށް ބަލާއިރު ދިވެހި ރުފިޔާ އެންމެ ފުރަތަމަ ތަޢާރަފްކުރެވުނީ 1947 ވަނަ އަހަރުއެވެ. އޭރުއްސުރެ ދިވެހިރާއްޖޭގެ އެތެރޭގެ މުޢާމަލާތްތަކަށް ބޭނުން ކުރަމުން އައިސްފައިވަނީ ދިވެހި ރުފިޔާއެވެ. ރާއްޖޭގެ ފައިސާގެ ކަންކަން ތަރުތީބުކުރުމަށް 1981 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނެއްގެ ދަށުން އުފެއްދިއެވެ.
މި ޤާނޫނުގެ ދަށުން ދިވެހި ރުފިޔާ ނެރުމުގެ ބާޒާރަށް ނެރުމުގެ ޒިންމާ އެއިދާރާއިން ހަވާލުވިއެވެ. އެ ދުވަސް ވަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާވެގެން އައި ދުވަސް ވަރެވެ. އޭރު ފަތުރުވެރިކަމުގެ ތެރެއިން ބޭރުފައިސާ ޤައުމަށް ވަންނަން ވަނީ ފަށާފައެވެ.
މިހާރުގެ ހާލަތަށް ބަލާނަމަ ދިވެހިރާއްޖޭގެ އެތެރޭގައި ކުރާ ހުރިހާ މާލީ މުޢާމަލާތެއްގެ ތެރެއިން ގާތްގަނޑަކަށް %42 މުޢާމަލަތްތަކުގައި ބޭނުން ކުރަނީ ބޭރުފައިސާއެވެ. ބޭރުފައިސާގެ އައު ޤާނޫނު އައުމުގެ ކުރިން، ދެބައިކުޅަ އެއްބައި މުޢާމަލާތްތަކުގައިވެސް ދިވެހި ރުފިޔާ ބޭނުންކުރެވިފައި އެބަހުއްޓެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ދިވެހިރާއްޖޭގައި ދިވެހި ރުފިޔާ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސިޔާސަތެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 7 ބިލެއް ތަސްދީޤު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއީ ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކުރަންޖެހެނީ މަރުހަލާތަކަކަށް ބަހާލައިގެން ރައްޔިތުންނަށް ބުރަ ބޮޑުނުވާނެހެންކަން އެމަނިކުފާނު ޤާބޫލުކުރައްވައެވެ.
"ރާއްޖޭގައި މިއޮތީ، މި ދެންނެވި ގޮތަށް، މަސްހުނި ނިޒާމެއް. ރާއްޖޭގައި ބޭރު ފައިސާ ވަރަށް ބޮޑަށް ބޭނުންކުރެވެމުން މިދަނީ. ޚާއްޞަކޮށް ޑޮލަރު. އެހެންވީމާ، މި ޙަޤީޤަތް، މިހެން އޮތްއޮތުމަށް ރިޢާޔަތްކޮށްގެން، ވަރަށް ތަފުސީލީ ގޮތެއްގައި، މަސައްކަތްތަކެއް ކުރެވެން މި ޖެހެނީ. އެހެންވީމާ، އެގޮތުން މިކުރެވޭ މަސައްކަތުން، ރާއްޖޭގެ މުޅި ނިޒާމު، އިރާދަކުރެއްވިއްޔާ ރުފިޔާއަށް ބަދަލުވެގެންދާނެ. އެކަމަކު އަޅުގަނޑަށް އަންދާޒާ ކުރެވޭ، ދިހަވަރަކަށް އަހަރު ދުވަސް ނަގާނެ އެކީގައި ބަދަލުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ގާތްގަނޑަކަށް ބޭނުން ކުރާ ހުރިހާ މުދަލެއްހެން އިމްޕޯޓު ކުރާ ޤައުމެކެވެ. އުފެއްދުންތެރިކަން ދަށް ޤައުމެއްގައި ދަރަނި އަދާކުރުމާއި، އިމްޕޯޓް ކުރުމަށް ބޭނުންވަނީ ޑޮލަރެވެ. މައިގަނޑު ގޮތެއްގައި ޑޮލަރު ވަންނަނީ ފަތުރުވެރިކަމުގެ ސިނާޢަތުންނެވެ. ނަމަވެސް މި ޑޮލަރު ދިވެހި މާލީ ނިޒާމަށް ނުވަދެއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގެ އާމްދަނީ 5.6 ބިލިޔަން ޑޮލަރަށް އަރާއިރު މާލީ ނިޒާމަށް ވަންނަނީ އެންމެ 3.8 ބިލިޔަން ޑޮލަރެވެ. މީގެ ތެރެއިން ބޭންކުތަކަށް މާރުވަނީ އެންމެ %21 އެވެ. މިހެން ވުމުން ބޭންކިން ނިޒާމުގައި ޒަރޫރީ ބޭނުންތަކަށް ބޭރުފައިސާ ދިނުމަށް ބޭނުންވާ މިންވަރަށް ފައިސާ ނުހުރެއެވެ.
ބާޒާރުގައި ދިވެހި ފައިސާގެ މިންވަރު އިތުރުވުމާއި ބޭރުފައިސާ ލިބޭ މިންވަރު މަދުވުމުން އަގު އުފުލިގެން ދެއެވެ. ރަސްމީ ނިޒާމުން ބޭރުން ބޭރުފައިސާ މާރުކުރުމުން ބޭރުފައިސާގެ އަގުތައް އުފުލިގެން ދެއެވެ. މިކަން ފައިދާ ބޮޑު ވިޔަފާރިއަކަށް ބަދަލުވެ އެކަމުގެ ބުރަ ރައްޔިތުން އުފުލަންޖެހެއެވެ.
ބައެއް ފަރާތްތަކުން އަގުބޮޑުކޮށް ބޭރުފައިސާ ވިއްކާލާއިރު، އެވަގުތު ވިސްނަނީ އޭގެއިން ލިބޭ ފައިދާއަށެވެ. އެ ޑޮލަރުގެ އަގު އޭނާ އެހެން ގޮތަކަށް ދައްކަންޖެހޭ ކަމަށް ވިސްނާ ނުލެވެއެވެ. އަގުބޮޑުކޮށް ވިއްކާލި ޑޮލަރު ވިޔަފާރިވެރިޔާއަށް އަގުބޮޑުކޮށް ލިބުމުން، އޭނާ ވިޔަފާރީގެ ފައިދާ ހިފެހެއްޓުމަށް އެއަގު ލަނީ ތަކެތީގެ އަގަށެވެ. މިކަމުގެ މައްޗަށް ބޭރުގެ ޤައުމުތަކުގެ މަސްރަހު ގޯސްވެ ދަތުރުފަތުރާއި އެހެން އަގުތައް އުފުލުމުން، އިމްޕޯޓަށް ބަރޯސާވާ ރާއްޖެއަށް ގެންނަ މުދާ، ފިހާރައިން ގަންނައިރު އެ އަގު އުފުލިގެންދެއެވެ.
މިކަމަށް އޮތް އެއް ހައްލަކީ ބޭރުފައިސާއަށް އޮންނަ ޑިމާންޑު ދަށްކުރުމެވެ. އޭގެ ސަބަބުން، ބޭރުފައިސާ ނުވަތަ ޑޮލަރުގެ އަގު ތިރިވުމަށް ފުރުޞަތު ލިބެއެވެ. އެކަން ކުރެވޭނީ އެތެރޭގެ މުޢަމަލާތްތަކަށްވެސް ބޭރުފައިސާ ބޭނުން ކުރާ މިންވަރު މަދު ކުރެވިގެންނެވެ.
އެހެން ކަމުން ސަރުކާރުގެ އަދި އެމްއެމްއޭގެ ދުރުރާސްތާގެ އަމާޒަށް ވާސިލްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވެއެވެ. މި ބަދަލު ގެނައުމުގެ ކުރިން ޓެކްސް ދެއްކުން ފަދަ ކަންކަމުގައި އިސްކަންދޭނެ ފައިސާގެ ބާވަތެއް ކަނޑައަޅަން ޖެހެއެވެ. މުޅި ނިޒާމަށް ގެންނަންޖެހޭ ބޮޑެތި އިސްލާހީ ބަދަލުތަކެއް އެބަހުއްޓެވެ.