ޚަބަރު

ވިމެންސް ޗެމްޕިއަންސް ލީގުގައި ޗެމްޕިއަން ބާސާއަށް އާސެނަލް އާއި ބަޔާންގެ ކުރިމަތިލުން


  • މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕޯލަންޑްގެ ވެރިރަށް ވޯސޯގައި

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގައި ޗެމްޕިއަން ބާސެލޯނާއަށް އާސެނަލް އާއި ބަޔާން މިޔުނިކާއި ބައްދަލުކުރާގޮތުން ގުރުއަތުލުމުން ދިމާވެއްޖެއެވެ. ވިމެންސް ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ގުރުއަތުލުންވަނީ މިއަދު ސްވިޓްޒަލަންޑްގެ ނިއޯންގައި ބާއްވާފައެވެ. މިގުރުއަތުލުމުގައި މިފަހަރުގެ މުބާރާތުގައި ވާދަކުރާ 18 ޓީމަށްވަނީ އެޓީމުތަކުން ލީގު ފޭސްގައި ވާދަކުރަންޖެހޭ 6 ޓީމު އެނގިގެން ގޮސްފައެވެ.

މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން ބާސާ ކުޅެން ޖެހޭ މެޗުތަކުގެ ތެރޭގައި އަމިއްލަ ދަނޑުގައި އާސެނަލް އާއި ބައްދަލުކުރާއިރު ރަށުން ބޭރުގައި ބަޔާން އާއި ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބާސާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ދަނޑުގައި ޕެރިސް އެފްސީ އަދި ސަރވެޓް އެފްސީސީއެފް އަދި ރަށުން ބޭރުގައި ރޯމާ އާއި އެޗްބީ ކޯގަރ އާއެވެ.

މިދިޔަ ސީޒަންގައި ފައިނަލްގައި ބާސާ އާއި ވާދަކުރި ލިއޮނޭސް ކުޅެން ޖެހޭ މެޗުތަކުގެ ތެރޭގައި އަމިއްލަ ދަނޑުގައި ޗެލްސީ، ހާކެން އަދި ލީގު ފޭސްގައި އަލަށް ވާދަކުރާ އިންޓަރ މިލާން ހިމެނޭއިރު ރަށުން ބޭރުގައި އާސެނަލް، ޔުވެންޓަސް އަދި ސަރވެޓް ހިމެނެއެވެ.

މިފަހަރުގެ މުބާރާތުގެ ލީގު ފޭސްގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މުބާރާތުގައި ވާދަކުރާ 18 ޓީމު ތިން ޕޮޓަށް ބަހާލާ ކޮންމެ ޕޮޓަކުން ނެގޭ ދެ ޓީމާއި އެކު ޖުމްލަ 6 ޓީމާއި އެކު ލީގު ފޭސް ކުޅޭގޮތަށެވެ. އަދި މި 6 މެޗުގެ ތެރެއިން ތިން މެޗު އަމިއްލަ ދަނޑުގައި އަދި އަނެއް ތިން މެޗު ރަށުން ބޭރުގައި ކުޅޭ އުސޫލުންނެވެ.

ޕޮޓް ވަންގައި ހިމެނޭ ބަޔާން ކުޅެން ޖެހޭ މެޗުތަކަށް ބަލާލާއިރު ބާސާ އާއި ޕެރިސް ސެއިންޓް ޖަރމެއިންގެ އިތުރުން ރެއާލް މެޑްރިޑް، ބެންފީކާ، މެންޗެސްޓަރ ސިޓީ އަދި އޮސްޓްރިއާ ވިއެން ހިމެނެއެވެ. އިންގްލަންޑްގެ ވިމެންސް ސުޕަރ ލީގަށް ބަލާލާއިރު އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ހިމެނިގެންދިޔައީ ތިންވަނަ ޕޮޓުގައެވެ.

މިގޮތުން ސިޓީއިން ބައްދަލުކުރަން ޖެހޭ ޓީމުތަކުގެ ތެޜޭގައި ހިމެނެނީ ޕީއެސްޖީ، ރެއާލް އަދި އޮސްޓްރިއާ ވިއެން، ބަޔާން، ހާކެން އަދި އިންޓަރއެވެ. އަދި އެލީގަށް ނިސްބަތްވާ އަނެއް ދެޓީމު ކަމަށްވާ އާސެނަލް އާއި ޗެލްސީ ހިމެނިގެންދިޔައީ އެއްވަނަ ޕޮޓުގައެވެ. އާސެނަލް ކުޅެން ޖެހޭ މެޗުތަކުގެ ތެރޭގައި ހިމެނެނީ ލިއޮނޭސް، ބެންފީކާ، ކޯގަރ، ބާސާ، ޕެރިސް އެފްސީ އަދި އިންޓަރއެވެ. އަދި ޗެލްސީ ބައްދަލުކުރާނީ ޕީއެސްޖީ، ރޯމާ، އޮސްޓްރިއާ ވިއެން، ލިއޮނޭސް، ހާކެން އަދި އޯއެޗް ލެއުވެން އާއެވެ.

ލީގު ފޭސްގައި މެޗުތައް ކުޅޭނެ ތަރުތީބު މިހަފްތާ ބަންދުގައި ޔުއޭފާއިން އާންމު ކުރާނެއެވެ. މިފަހަރު ވިމެންސް ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 22 އަދި 23 ވަނަ ދުވަހުއެވެ. އަދި ލީގު ފޭސް ޑިސެމްބަރު މަހުގެ 16 އަށް ކުރިއަށްދާނެއެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މެއި މަހުގެ 28، 29 ނުވަތަ 30 ވަނަ ދުވަހު ޕޯލަންޑްގެ ވެރިރަށް ވޯސޯގައެވެ.