ރާއްޖޭގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ސްރީލަންކާ ޓީމަށް މޮޅުވާން މަޖުބޫރު ނޫން ކަމަށް އެ ގައުމުން ބުނެފި އެވެ.
ޓީމުގެ ކޯޗު ގަތަރުގެ އަހުމަދު އަލް މަންނާއީ ބުނީ އޭނާގެ ޓީމުގެ އަމާޒަކީ މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި ތަޖުރިބާ ހޯދުން ކަމަށެވެ.
"މިއީ ލަންކާ އަށް މޮޅުވާން މަޖުބޫރު މުބާރާތެއް. އެއަށްވުރެ ބޮޑަށް އަހަރުމެން ރާއްޖޭގައި ބަލާނީ ޓީމެއް ބިނާ ކުރުމަށް. މި ގޮތުން މި މުބާރާތަކީ އަހަރުމެންނަށް ރަނގަޅު ތަޖުރިބާ އަކަށް ވާނެ،" ކޯޗު ބުންޏެވެ.
ލަންކާގެ ގައުމީ ފުޓްސަލް ޓީމުގައި އެންމެ ފަހުން މަސައްކަތް ކުރި ކޯޗު ބުނީ ލަންކާ މަސައްކަތް ކުރާނީ މެޗަކަށް ފަހު މެޗެއްގައި ރަނގަޅު ކުޅުމެއް ދައްކަން ކަމަށާއި މުބާރާތުގައި ކޮންމެ ގައުމަކާ ދެކޮޅަށް ވެސް ރަނގަޅު ވާދައެއް ކުރެވިއްޖެނަމަ ޓާގެޓް ހާސިލްވާނެ ކަމަށެވެ.
މި މަހުގެ 23 އިން އަންނަ މަހުގެ ތިނަކަށް ގަލޮޅު ދަނޑުގައި ކުޅޭ މުބާރާތުގައި ލަންކާ ހިމެނެނީ ބޫޓާނާއި ދިވެހިރާއްޖެ އާއި ނޭޕާލާއެކު ގްރޫޕް އޭގަ އެވެ. ބީ ގްރޫޕުގައި ހިމެނެނީ ބަނގްލަދޭޝް އާއި އިންޑިޔާ އާއި ޕާކިސްތާނެވެ. ކޮންމެ ގްރޫޕަކުން ވެސް ސެމީ ފައިނަލަށްދާނީ އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.