ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000 ރުފިޔާ ބަހައިފި


  • މިއީ ހަމަހަމަކޮށް ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރު

  • ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ބޮލަކަށް 6000 ރުފިޔާ ބަހައިފިއެވެ.

ޒަކާތު ހައުސްއިން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމާފައެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000 ރުފިޔާކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާ ތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެއްކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

މި އަހަރު ފިޠުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރިއެވެ. މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ. ޒަކާތު ހައުސްއިން މިފަހަރުވެސް ވަނީ ގޮވާމުން ލިބުނު ޒަކާތް ބެހުމަށްފަހު ބާކީ ހުރި ތަކެތި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށްވެސް ހަދިޔާކޮށްފައެވެ.

ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ވަނީ މޮނިޓަރ ކޮށްފައެވެ. އަދި މީގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މިއީ ފިޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން އޭގެ ޙައްޤުވެރިންނަށް ބަހަންޖެހޭ އެއްޗެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.

ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.