ޚަބަރު

ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • 1500އެއްހާ މީހުންގެ ޖާގައިގެ މިސްކިތެއް

  • މިސްކިތް އިމާރާތްކުރަނީ 3 ފަންގިފިލާއަށް

ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު ބިނާކުރާ މިސްކިތެކެވެ.

ޒިކުރާ މިސްކިތުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި، މިސްކިތް ހަދިޔާކުރައްވާ ސިސިލްފަރު، މުޙައްމަދުފުޅުގެ އާއިލާގެ ފަރާތުން ޙާމިދު ނަޝީދު މުޙައްމަދުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތްކުރަނީ 3 ފަންގިފިލާގެ އިމާރާތެއްކަމަށާއި މިއީ 1500އެއްހާ މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރާ މިސްކިތެއްކަމަށެވެ. އަދި އަންހެނުން ނަމާދުކުރުމަށް ޚާއްސަ ބައިވެސް ހިމެނޭނެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ލިފްޓް ވެސް ބަހައްޓާނެކަމަށެވެ.

މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އާއްމު ފަރުދުންގެ އެހީގައި ކުރިއަށްގެންދެވޭ މަސައްކަތެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ޒިކުރާ މިސްކިތް ތަޅާލިތާ އެތައް އަހަރެއް ވެފައިވާއިރު، އެތަނުގައި ދާއިމީ މިސްކިތެއް ބިނާކުރުމަކީ އެ ސަރަޙައްދުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަމަށެވެ.

"މާތްﷲ އަށްޓަކާ މިސްކިތެއް ބިނާކުރުމަކީ މި ބިންމަތީގައި ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮ ޢަމަލު. މިއީ ދެމިގެންދާ ޞަދަގާތެއް. ދުނިޔެއާއި އާޚިރަތުގައި އޭގެ ސަވާބާއި ދަރުމައާއި މަންފާ ލިބެނިވި ކަމެއް." ވަޒީރު ވިދާޅުވިއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުފް އިމާރާތަކާއެކު ތަރައްޤީކުރަން އެންމެ ފުރަތަމަ ހަވާލުކުރީ 2018ވަނަ އަހަރުއެވެ. ނަމަވެސް މަޝްރޫޢު ހަވާލުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކުރިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ އަމާޒަކީ މި މިސްކިތުގެ މަސައްކަތް ދޮޅު އަހަރުގެތެރޭގައި ނިންމާ ބޭނުންކުރުންކަމަށެވެ. ވަޒީރު ވަނީ މިފަދަ މާތް މަސައްކަތަކަށް މަގުފަހިކޮށްދެއްވީތީ، މިސްކިތް އިމާރާތް ކުރުމަށް އެހީތެރިވެދެއްވި އާއިލާއަށް ޝުކުރު އަދާކުރައްވާފައެވެ.

މިސްކިތުގައި ނަމާދުކުރުން ހުއްޓާލާ، އާ މިސްކިތް އިމާރާތް ކުރުމަށް ޒިކުރާ މިސްކިތް ތަޅާލާ ބިން ސާފުކުރީ 2020ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް ދާއިމީ މިސްކިތް އިމާރާތް ނުކުރެވި، 2021ވަނަ އަހަރުގެ ތަމަޟާން މަހުން ފަށައިގެން، އެތަން ބޭނުންކުރަނީ ވަގުތީ މިސްކިތެއްގެ ގޮތުގައެވެ.