އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އެއްގައި 5 ބިދޭސީއަކު ނިޔާވެއްޖެއެވެ. މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ އެރަަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމަށެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން 5 މީހަކު ނިޔާވެފައިވާކަމަށެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ 2 މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން ވިދާޅުވީ، މި ޙާދިސާގެ ތަޙުޤީޤަށް މާލެއިން ޚާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ތަޙުޤީޤު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭކަމަށެވެ.
މި ޙާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 2:00 އެހައިކަންހާއިރުއެވެ. ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ.