މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފިއެވެ. ޖެޓްރޯއަކީ ޖަޕާނު ސަރުކާރުގެ އިދާރާއެކެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.
މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ދަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވެގެންވެސް ކުންފުނީގެ އުފެއްދުންތައް ދައްކާލާ މާކެޓްކުރެއެވެ.
ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން ނުވަތް ޖެޓްރޯއަކީ ޖަޕާނާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ސަރުކާރާ ގުޅުންހުރި އިދާރާއެކެވެ. މި އިދާރާ އެންމެ ފުރަތަމަ 1958 ވަނަ އަހަރު އުފެއްދީ ޖަޕާނުގެ އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރުން އިތުރުކުރުމުގެ މަގުސަދުގައެވެ. ނަމަވެސް، 21 ވަނަ ގަރުނަށް އައިއިރު ޖެޓްރޯގެ މައިގަނޑު އަމާޒު ވަނީ ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް ޖަޕާނަށް ގެނައުމަށާއި، ޖަޕާނުގެ ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އެންމެ ފުރިހަމައަށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަދަލުވެފައެވެ.