ޚަބަރު

ފެބުރުވަރީ މަހު ރާއްޖެ އައީ 247،722 ފަތުރުވެރިން


  • މިއީ %15.7 ކުރިއެރުމެއް

  • އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިން

މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް 247،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %15.7 އިތުރުވުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 474،920 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %10.4 ކުރިއެރުމެކެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އައިސްފައިވަނީ 227،198 ފަތުރުވެރިންނެވެ. މިއީ %5.1 ކުރިއެރުމެކެވެ. މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އައިސްފައިވަނީ 247،722 ފަތުރުވެރިންނެވެ. މިއީ %15.7 ކުރިއެރުމެކެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ޤައުމުތައް:

ޗައިނާ: 76،642 ފަތުރުވެރިން
ރަޝިއާ: 54،027 ފަތުރުވެރިން
އިޓަލީވިލާތް: 46،257 ފަތުރުވެރިން
އިނގިރޭސިވިލާތް: 43،682 ފަތުރުވެރިން
ޖަރުމަނުވިލާތް: 28،949 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 473،855 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި 1065 ފަތުރުވެރިން އައިސްފައިވަނީ ކަނޑުމަގުންނެވެ. އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ %68.2 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،258 އަށް އަރައެވެ.