މާލޭގައި މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ކުރަމުންދާ 2 ޕާކާއި ސުނާމީ ބިނާ ސަރަޙައްދުގެ މަސައްކަތް ޢީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަންނަނީ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އިތުރުން ސުނާމީ ބިނާ މައިޒާން އަލުން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭގައި މިހެން ހުރި ތަންތަން މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމާއި މޭޔަރަކަށް ހުންނެވި ދުވަސްވަރު ތަރައްޤީކުރި ޕާކުތައް މިހާރު ވީރާނާވެފައިވާކަމަށެވެ. މީގެ ދެއަރަހެއްހާ ދުވަހުގެ ކުރިން އެތަންތަން ވީރާނާވެފައި ހުރުމުން ސަރުކާރުން އަލުން އެތަންތަން ތަރައްޤީކުރަން ފެށީކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުމްހޫރީ މައިދާން ތަރައްޤީކުރުމުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި އެތަން ޢީދު ދުވަހަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޒަމާނީ އިތުރު ވަސީލަތްތަކާއެކު ސަލްޓަންޕާކް ތަރައްޤީކުރުމުގެ މަސައްކަތްވެސް ޢީދަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ސުނާމީ ބިނާ މައިޒާން އަލުން ތަރައްޤީކޮށް ޢީދަށް ނިންމުމަށް މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ކައުންސިލުން ކުރަންޖެހޭ ކަންކަން. މިއީ ނުކޮށް ހުރި ކަންކަން. ސަލްޓަން ޕާކު އޮތީ ވީރާނާވެފައި، ޖުމްހޫރީ މައިދާން އޮތީ ހަލާކުވެފައި. ރަސްފަންނު ހަލާކުވެފައި، ސުނާމީ ބިނާ، މިއީ ކުރިން ރީތިކޮށް ހަދާފައި ހުރި ތަންތަން. ނަމަވެސް ކައުންސިލުން ޒިންމާ އަދާ ނުކުރުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް، ދިރިއުޅޭ ރައްޔިތުންނަށް އިހާނެތިކަން ލިބުނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާންވެސް ވަނީ ބަންދުކޮށްފައެވެ. މި މަސައްކަތްތައް ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ސަލްޓަން ޕާކުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކު ވިއު ސްޓްރަކްޗަރ، ޓްރީހައުސް އަދި ޕާކުގެ ވޯކްވޭތަކާއި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މާރާމާތުކޮށް އާބާތުރަ ފިލުވުމެވެ. ޖުމްހޫރީ މައިދާނުގެ މަސައްކަތްތައްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އެތަނުގެ ބައެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ޕާކުތަކާއި މައިޒާންތަކުގެ މަސައްކަތުގެ ތެރެއިން ރަސްފަންނުގެ އާބާތުރަފިލުވާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ގެންދަނީ އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެންނެވެ.
އެމްޓީސީސީން ކުރިއަށްގެންދަނީ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި ބޭރު ތޮށި މަރާމާތު ކުރުމުގެ މަސައްކަތްތަކެވެ. އަދި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދަނީ ރަސްފަންނު ޕެވީލިއަން މަރާމާތުކުރުމާއި އެތަނުގައި ފާޚާނަ ބަރި ހެދުމުގެ މަސައްކަތެކެވެ.
ޕެވިލިއަންގެ ގްރައުންޑް ފްލޯގެ މަސައްކަތް ނިންމާ މިހާރު އެތަން ދަނީ ބޭނުންކުރަމުންނެވެ. ރަސްފަނުންގައި ފާޚާހަނަބަރި ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ރަސްފަންނުގެ މަސައްކަތްތައް މަރޗްމަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއްވިއެވެ.